Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

އައްޑޫ އެސްޖީ އަކަށް ޝުޖާއު އައްޔަނު ކުރަން ފާސްކޮށްފި

އައްޑޫ ސިޓީގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް އިންޓަވިއު އިން އެއްވަނަ ލިބުނު މުހައްމަދު ޝުޖާއު އައްޔަނު ކުރުމަށް ކައުންސިލުން ފާސްކޮށްފިއެވެ.

ޝުޖާއު އެ މަގާމަށް އައްޔަނު ކުރުމަށް ފާސްކޮށްފައިވަނީ އެސްޖީ އާއި މެދު ފެންނަ ގޮތެއް ނިންމުމަށް މިއަދު ބޭއްވި ކައުންސިލްގެ ކުއްލި ޖަލްސާގައެވެ.

ޝުޖާއު އެސްޖީގެ މަގާމަށް އައްޔަނު ކުރުމަށް ފެންނަ ކަމަށް 7 މެމްބަރުން ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް 4 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަގާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ.

މި އިންޓަވިއު އިން އެއްވަނަ ޝުޖާއު ހޯދިއިރު ދެވަނަ ލިބިފައިވަނީ އައްޑޫ ކައުންސިލްގެ އެސްޖީގެ މަގާމު ވަގުތީ ގޮތުން އަދާކުރައްވަމުން ގެންދަވާ މުހައްމަދު ހަލީމް އެވެ. ގިނަ ދުވަސްތަކެއް ވަންދެން އެސްޖީގެ މަގާމު ހަލީމް ފުރުއްވާފައިވާއިރު ކައުންސިލްގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.

ޝުޖާއު އަކީ ސަރުކާރުގެ އެކި ވަޒީފާތަކުގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށް ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ފަރާތެކެވެ. އިނގިރޭސިވިލާތުގެ ސްޓެފޯޑް ޔުނިވާސިޓީން މާސްޓާސް އޮފް ސައިންސް އިން ޓެކްނޮލޮޖީ އިން މެނޭޖްމެންޓް ހާސިލުކުރައްވާފައިވާ ޝުޖާއު ވަނީ އެސްޓީއޯގައި 21 އަހަރުގެ މުއްދަތަކަށް ވަޒީފާ އަދާކޮށް މަތީ މަގާމުތަކެއް ފުރުއްވާފަ އެވެ.

މީގެއިތުރުން ޝުޖާއު ވަނީ މޯލްޑިވް ގޭސްގެ ބޯޑު ޑިރެކްޓަރުގެ މަގާމު ފަސް އަހަރު ދުވަހަށް އަދާކޮށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި ވެސް ހަތަރު އަހަރު ދުވަހަށް މަސައްކަތް ކޮށްފައެވެ.