17 ވަނަ ސާކް ސަމިޓަށް ހިތަދޫގައި އިމާރާތްކުރި އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) މިއަދު ބީލަމަށްލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާންގައި ބުނެފައިވަނީ ހިތަދޫގައި އިމާރާތްކޮށްފައިވާ ކޮންވެންޝަން ސެންޓަރ ފައިނޭންސްކޮށް އޮޕަރޭޓްކުރުމާއި މަރާމާތުކޮށް ބެލެހެއްޓުމަށް އަދި މިސަރަހައްދުގައި ފަތުރުވެރިކަމާއި އެކިއެކި ސިނާއީ ހިދުމަތްދޭ ތަންތަން ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.
އަދި މިފުރުސަތު ހުޅުވާލާފައިވަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށްވެސް ކުރިމަތި ލެވޭ ގޮތަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ އިއްލާންގައިވާ ގޮތުން އީސީސީއަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސެޝަން މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ޖަހާއިރު މިނިސްޓްރީގައި އޮންނާނެއެވެ.
އަދި ކޮންވެންޝަން ސެންޓަރަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ މެންދުރުފަހު 2:00 ޖެހުމުގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.
ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި 200 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަމީން ކޮންސްޓަރަކްޝަނުން އިމާރާތްކުރި ކޮންވެންޝަން ސެންޓަރު ވަޙިދުގެ ސަރުކާރުގައިވެސް ވަނީ ބީލަށް ހުޅުވާލާފައެވެ. އަދި ވަހީދުގެ ސަރުކާރުން އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އަކާއި ގުޅިގެން އެތަނުގައި ޔުނިވާސިޓީއެއް ހިންގަން ތައްޔާރުވަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ. ނަަމަވެސް އެކަމާއި ގުޅޭ އަމަލީ އެއްވެސް މަަސައްކަތެއް ކުރެވިފައިނުވެއެވެ.
ދެކުނު އޭޝިއާގައި ހުރި އެންމެ ރީތި އިމާރާތްކަމަށް ބުނާ "އީސީސީ" އަޅާނުލައި ދޫކޮށްލާފައި އޮތުމުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ. އެގޮތުން އެތަނުގައި ހަރުކޮށްފައި ހުރި ދޮރުތަކާއި ބައެއް ތަންތަން ދަބަރަށްވެފައިވާއިރު އެތަނުގެ ވަށައިގެންވާ ބިއްލޫރިތައް ވަނީ މަކުނު ވަލާއި، ހިރަފުހުން ފުރިފައެވެ. އަދި އެތަނުގެ ވަށައިގެން ހަދާފައިވާ ލޭންޑްސްކޭޕިން ވަނީ ބޮޑު ޖަންގައްޔަކަށް ބަދަލުވެފައެވެ.