ދިވެހި ރާއްޖޭގައި ފުރިހަމަ ޑިމޮކްރަސީ އެއް ގާއިމު ކުރުމަށް ސިޔާސީ ޕާރޓީތަކުންނާއި ސަރުކާރާއި ޢާއްމު ފަރުދުންތައް އެކި ގޮތްގޮތަށް އެކި ތަންތާގައި ވާހަކަ ދައްކަމުން ދާއިރު، މި ފަހަކަށް އައިސް ފެންނަމުން ދާ އެއްމެ އަޖައިބު ކުރަނިވި އެއް ކަމަކީ ޕާޓީތަކުން އެކި ދާއިރާތަކަށް ކަނޑައަޅާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރައްވާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލިސް މެމްބަރުކަމަށް ވާދަ ކުރައްވާ ފަރާތްތަކަށް ޕާޓީގެ ޓިކެޓް ދިނުމަށް ގެންގުޅޭ ޑިމްކްރަސީއާއި ޙިލާފު އާދައިގެ ވާހަކައެވެ. މި ވާހަކަ ފެށެނީ ހަކުރުދެންޏާ ބޮޑުބޭބެގެ ވާހަކައާއި މިނި ނާޅިން މިނި ވާހަކައާއި ދާދި އެއް ގޮތަކަށެވެ.
ބައެއް ސިޔާސީ ޕާޓީތަކުން ޑިމޮކްރަސީގެ ރޫޙާއި އެއްގޮތަށް ، އެޕާރޓީއަކުން ދާއިރާތަކަށް ކުރިމަތި ލުމުގެ ފުރުސަތު އެ ޕާޓީއެއްގެ ހުރިހާ މެމްބަރުންނަށް ހުޅުވާލައެވެ، އަދި އެއްފަރާތައް ވުރެ ގިނަފަރާތަކުން ވާދަކުރަން ބޭނުންވެއްޖެ ނަމަ އިންސާފްވެރި ޕްރައިމަރީއަކަށްފަހު ޕްރަމަރީން ކާމިޔާބު ވާ ފަރާތްތަކަށް ޕާރޓީގެ ޓިކެޓް ދެއެވެ.
އަނެއް ބައި ޕާރޓީތަކުން ގެން ގުޅެނީ މޭޒުދަށުން ހެދޭ "ޑީލް" އެއްގެ ދަށުން ވާދަކުރައްވަން ބޭނުންވާ ދައިރާއެއްގެ ޓިކެޓް ސިޓީއުރައަކަށް ލައި ހަދިޔާ ކުރުމުގެ އުސޫލެވެ.
ސުވާލަކީ މީތޯ މި ޕާޓީތަކުން ޑިމޮކްރަސީ ހޯދައިދޭން ބޭނުންވާ ގޮތަކީ؟ އަދި މީ ތޯ އެންމެ އިންސާފްވެރިގޮތަކީ؟، މީތޯ ޕާރޓީގެ މެމްބަރުންގެ މެދެގައި ހަމަހަމަކަން ދެމެހެއްޓުމަކީ؟
ރާއްޖޭގެ ސިޔާސީ ޕާޓީތައް އުފެދި ބައެއް ޕަޓީތައް އުވަމުންދާ ދަނޑިވަޅެއްގައި އަދިވެސް ޕާޓީތަކުން އިންތިހާބްތަކަށް ވާދަކުރަން ޕާޓީގެ ޓިކެޓް ސިޓީ އުރައަށްލާ ދެމުން އެބަދެއެވެ. އެޕާޓީގެ ގިނަ މެމްބަރުން ބޭނުންވާ ގޮތަކީ ކޮބައިތޯ ޕާޓީގެ އިސް ބޭފުޅުން ނުބައްލަވައެވެ. އޭގެ ބަދަލުގައި ހެދޭ ޑީލަކުން ޕާޓީ ޓިކެޓް މިއޮންނަނީ ވަކި މީހަކަށް ދެވިފައެވެ.
އެމްޑީޕީން ޕާޓީގެ އެތެރޭގެ އިންތިހާބް ކޮންމެ ފަހަރަކުވެސް ބާއްވަނީ ފޯރިގަދަ ޕްރައިމަރީއަކަށް ފަހުއެވެ. އޭގެ ސަބަބުން ޕާޓީ މެމްބަރުންނަށް އެ މެމްބަރުން ބޭނުންވާ ފަރާތެއް ވޯޓުދީގެން ހޮވަން ފުރުސަތުލިބެއެވެ.
ނަމަވެސް އެހެން ޕާޓީތަކުން މި މަންޒަރު ނުފެނެއެވެ. ޕީޕީއެމް އާއި ޖުމްހުރީ ޕާޓީން ޕްރައިމަރީ ބާއްވަން ޖެހިލުންވެއެވެ. އެޕާޓީ ތަކުން ޕްރައިމަރީއަށް ތަރުހީބެއް ނުދެއެވެ. އެކަން މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބަށް އައްޑޫން ނެރޭ ކެންޑިޑޭޓުންގެ ފަރާތުން ވަނީ ފެނިގޮސްފައެވެ. ހިތަދޫ ދެކުނު ދާއިރާއަށް ޖުމްހުރީ ޕާޓީން ޕްރައިމަރީ ބާއްވާކަށް ބޭނުމެއް ނުވިއެވެ. ހަމައެގޮތަށް މިހާރު ވެރިކަން ކުރާ ޕީޕީއެމް ކޯލީޝަނުން ހިތަދޫ މެދު ދާއިރާއަށް ޖުމްހުރީ ޕާޓީން ކެންޑިޑޭޓަކު ނެގީވެސް ޕާޓީގެ މެމްބަރުންގެ ރުހުން އޮތްތޯ ބަލާފައެއް ނޫނެވެ. އަދި އެގޮޑި ކޯލީޝަނުން ޖޭޕީއަށް ދީފައިވަނިކޮށް ފަހު ވަގުތު ޕީޕީއެމްއިން ކެންޑިޑޭޓަކު ނެރުނީވެސް ހަމަ އެއުސޫލުންނެވެ.
ފޭދޫގައި ޕީޕީއެމް ޕްރައިމަރީ ބޭއްވި ނަމަވެސް ވާދަވެރި އެތެރޭގެ އިންތިހާބެއް ބާއްވާނެ ހުރިހާ ފުރުސަތެއް ލިބިފައި ނުވެއެވެ.
އަދި ކުރިއަށްއޮތް މަޖިލިސް އިންތިހާބްތަކުގައިވެސް ޕީޕީއެމް އާއި ޖޭޕީން މިފަދަ އުސޫލެއް ގެންގުޅެން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ޕާޓީގެ އިސް ބޭފުޅުންގެ އެހީއާއި އެކު ޕްރައިމަރީއާއި ނުލާ ޕާޓީ ޓިކެޓް ދިނުން މިއޮތީ އާއްމުވެފައެވެ.
ގަބޫލުކުރަން ޖެހޭ ހަޤީގަތަކީ ރައްޔިތުން ކެތްމަދުވެފައިވާ އެއް ކަމަކީ ފުރިހަމަ ޑިމޮކްރަސީ އެއްގެ ފޮނިކަން ލިބިގަތުމަށެވެ. ދެދޭ ރައްޔިތުންގެ ދޭތެރޭގައި ހަމަހަމަކަން ގާއިމްވެ ގާނޫނުން ކޮއްމެ ފަރުދަކަށްވެސް ލިބެންޖެހޭ ހައްގުތައް ކަށަވަރުކުރުވުމަށް ބޭނުންވަފައިވާ ކަމެވެ. އެހެންވެ މީ ސަރުކާރާއި ސިޔާސީ ޕާޓީތަކުންވެސް ވިސްނަން ޖެހޭކަމެކެވެ.
ޕާރޓީގެ ޓިކެޓަކީ ވަކި އުޞޫލެއް ނެތި ހަމަ ހިތައް އެރިގޮތަކަށް ދެވޭ އެއްޗަކަށް ވާން ނުޖެހެއެވެ. ހުރިހައި ޕާރޓީތަކުންވެސް ޑިމޮކްރަސީގެ ރީތި އުސޫލު އިސްކުރަންޖެހެއެވެ. މެމްބަރުންގެ މެދުގައި ޕާރޓީތަކުގެ ގަވާއިދުގެ ދަށުން ނާއި ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ހަމަ ހަމަ ކަމާއި އިންސާފް ވެރިކަން ދަމަހައްޓަން ޖެހެއެވެ. އޭރުން ރައްޔިތުން އެދޭ ކުރިއެރުމާއި ތަރައްގީ ޑިމޮކްރަސީގެ ތެރެއިން ލިބިގެން ދާނެއެވެ.