Last Updated: April 24, 12:56
Wednesday, April 24, 2024
ކުޅިވަރު

ބަޔާން އަތުން ބަލިވެ ބާސާ ޔޫރޮޕާ ލީގަށް

ޗެމްޕިއަންސް ލީގުގައި މިރޭ ބަޔާން މިއުނިކް އަތުން 3-0 އިން ބަލިވެ ސްޕެއިންގެ ބާސެލޯނާ ޔޫރޮޕާ ލީގުގައި ވާދަކުރަން ޖެހިއްޖެ އެވެ.

މި މެޗަށް ނިކުތްއިރު ވެސް މުބާރާތުގެ ދެވަނަ ބުރަށް ބަޔާން ދަތުރުކޮށްފައިވާއިރު، މި މޮޅާއެކު އެޓީމު ގްރޫޕް ސްޓޭޖު ނިންމާލީ ހަ މެޗުން ލިބުނު 18 ޕޮއިންޓާ އެކު ގްރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. މި ގްރޫޕްގެ ދެވަނަ ހަ މެޗުން އަށް ޕޮއިންޓު ހޯދައިގެން ބެންފީކާ ހޯދިއިރު ގްރޫޕްގެ ތިންވަނަ ލިބުނު ބާސާ އަށް ހަ މެޗުން ލިބުނީ ހަތް ޕޮއިންޓެވެ. ގްރޫޕްގެ ފުލަށް ދިޔަ ޑައިނަމޯ ކިއެވް އަށް ހަ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ކޮންމެ ގްރޫޕަކުން ވެސް ތިންވަނަ އަށްދާ ޓީމު ކުޅެން ޖެހޭނީ ޔޫރޮޕާ ލީގުގަ އެވެ. މިއީ ގިނަ އަހަރުތަކަކަށްފަހު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ބާސާ ކެޓި ފުރަތަމަ ފަހަރެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗުގެ 34 ވަނަ މިނެޓްގައި އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ތޯމަސް މުލާ އެވެ. އަދި މެޗުގެ 43 ވަނަ މިނެޓްގައި ލީރޯއި ސާނޭ ބަޔާންގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު މި ގޯލު އޭނާ ކާމިޔާބުކުރީ ބާސާގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ. ބަޔާންގެ ތިންވަނަ ގޯލު މެޗުގެ 62 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މުސިއާލާ އެވެ.

ދެވަނަ ހާފްގައި ބަޔާން އިން އިތުރު ގޯލުތަކެއް ކާމިޔާބު ކުރަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއިރު ބާސާ އަށް މި ހާފުގައި މާބޮޑު ނުރައްކަލެއް ބަޔާންގެ ގޯލަށް ކުރެވިފައެއް ނުވެ އެވެ.

މި ގްރޫޕުން ދެވަނަ ބުރުގެ ޖާގަ ހޯދި ބެންފީކާ މިރޭ ވަނީ ޑައިނަމޯ ކިއެވްގެ މައްޗަށް 2-0 އިން ކުރި ހޯދާފަ އެވެ. ބެންފީކާގެ ދެ ގޯލު މި މެޗުގައި ކާމިޔާބުކޮށްދިނީ ޔަރެމްޗުކް އާއި ގިލްބާޓޯ އެވެ.