Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ޕީޕީއެމްގެ ޖަލްސާއަށް ހުރަސްއަޅާތީ، ޓްރާންސްޕޭރެންސީން އެކަން ކުށްވެރިކޮށްފި

އިދިކޮޅު ޕީޕީއެމް ޕީއެންސީން ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދުގައި ބާއްވަން އުޅޭ ޖަލްސާއަށް ހުރަސްއަޅާތީ، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އެކަން ކުށްވެރިކޮށްފިއެވެ.

ޓްރާންސްޕޭރެންސީން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ފުލުހުން މެދުވެރިކޮށް ޕީޕީއެމްގެ ޖަލްސާ ބޭއްވުމަށް ހުރަސްއަޅާފައިވާތީ އެކަން ކުށްވެރިކޮށްފައެވެ.

އަދި ޤާނޫނުއަސާސީގައި ދީފައިވާ އެއްވެއުޅުމުގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް ފާސްކޮށްފައިވާ ޤާނޫނުތައް އިސްލާހު ކުރުމަށް ރިޔާސީ އިންތިހާބުގައި އަދި މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވެފައިވާ ވައުދު ފުއްދުމަށްވެސް ގޮވާލާފައިވެއެވެ.

ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ ޙައްޤަކީ، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއް ކަން ފާހަގަކޮށް ޓްރާންސްޕޭރެންސީން ބުނެފައިވަނީ ބައިނަލްއަޤްވާމީ އެތައް އެއްބަސްވުންތަކެއްގައި ވެސް އެކަން ކަށަވަރުކޮށްދޭކަމަށެވެ. އަދި ދައުލަތުގެ ހުއްދަކުރިން ހޯދުމަކާ ނުލައި، ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން، ކޮންމެ މީހަކަށްވެސް އޮންނަންވާނެ ކަމަށް ޓްރާންސްޕޭރެންސީން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވެއެވެ،

ޕީޕީއެމްއިން ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދުގައި "ކޮތަރު ކޮށި" ނަމުގައި ޖަލްސާއެއް ބެއްވުމަށް ނިންމާފައިއޮތީ މި ހުކުރު ދުވަހުއެވެ. އެހެންނަމަވެސް އެޖަލްސާއަށް ތައްޔާރު ވުމުގެ ކަންކަން ޕީޕީއެމުން ފެށުމުން އެޗްޑީސީން ވަނީ ހުއްދަ ނުހޯދާ ޖަލްސާ ނުބޭއްވޭނެކަމަސް ބުނެފައެވެ. އަދި އެކަމާ ގުޅިގެން ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މާލެސިޓީ ކައުންސިލުން ވަނީ އެޗްޑީސީއަށް ހަދާދީފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކޮސް ހުޅުމާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް ފާސްކޮށްފައެވެ.

އިއްޔަ ހަވީރުން ފެށިގެން ފުލުހުން އަންނަނީ ހިޔާ ފްލެޓް ހިމެނޭ ސަރަހައްދުގައި ފޯރިމަރަމުންނެވެ.