ލާމަރުކަޒީ ޤާނޫނު ތަންފީޒު ކުރުމުގެ ފުރުސަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުދެއްވާކަމަށް މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލެސީޓީ ކައުންސިލުން މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ، ލާމަރުކަޒީ ޤާނޫނުގައި އޮތީ އެ ކައުންސިލެއްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ސަރަަހައްދުތަކަކީ ކައުންސިލްގެ މައްޗަށް ލާޒިމުވާ އެތައްކަމެއް ހިމެނޭ ސަރަހައްދުތަކެއް ކަމަށެވެ.
މުއިއްޒު ވިދާޅުވީ މިހާރު އޮތް ކައުންސިލް އައިފަހުން އެތައްފަހަރަކު އެދިގެންވެސް މިސަރުކާރުން، އެ ޒިންމާ ކައުންސިލާ ހަވާލުކުރުމަށް އެއްބަސްވެފައިނުވާކަމަށެވެ. ރައިސް ސޯލިހާއެކު ބޭއްވުނު ބައްދަލުވުމުގައި އެ ޒިންމާތައް ހަވާލު ކޮށްދެއްވާނެކަމަށް ރައީސް ސޯލިހް ވިދާޅުވިކަމަށާއި، އެހެންނަމަވެސް އެތައް ފަހަރަކު އެދިގެންވެސް ލާމަރުކަޒީ ޤާނޫނު ތަންފީޒު ކުރުމަށް ކައުންސިލުން ކުރަންޖެހޭ މަސައްކަތް ކުރުމުގެ ފުރުސަތު ނުދެއްވާކަމަށެވެ.
ހުޅުމާލެއަކީ މާލެސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަނެއްކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ، އެހެންކަމުން ހުޅުމާލެއަށް ދޭންޖެހޭ ހިދުމަތްތައް ދިނުމަކީ ޤާނޫނުގެ ދަށުން ކައުންސިލަށް ލާޒިމު ކަމެއްކަމަށެވެ.
"އެކަން ކުރުމުގެ ފުރުސަތެއް ރައީސުލްޖުމްހޫރިއްޔާ ނުދެއްވަވާ. ތަކުރާރުކޮށް މިސަރުކާރުގަ އެދެވިއްޖެ، ނުދެއްވަވާ." މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މިކަމުގައި ހައްލެއް ހޯދުމަށް ސިޓީ ކައުންސިލުން ހަ މަސްދުވަހު މަސައްކަތް ކުރެވުނު ކަމަށާއި، އެހެންނަމަވެސް ސަރުކާރުގެ އިހުލާސްތެރިަކމެއް ނެތްކަމަށެވެ.
"މާލޭގެ ރައްޔިތުންގެ ކުރިމަގަށް މާލޭގެ ރައްޔިތުންނަށްޓަކައި ކަންކަން ކޮށްދިނުމުގެ ވިސްނުންފުޅެއް ސަރުކާރަކު ނެތް، ރައިސުލްޖުމްހޫރިއްޔާގެ ކިބަޔަކު ނެތްކަމަށް މިހާރު އެބަ ގަބޫލުކުރެވޭ."
މުއިއްޒު ވިދާޅުވީ މިކަމުގައި ގޮތްދޫކޮށްލައިގެން ސިޓީ ކައުންސިލުން ނުތިބޭނެކަމަށެވެ.
މިމައްސަލައިގައި އެލްޖީއޭގައި އަދި ރައްޔިތުންގެ މަޖިލީހުގައިވެސް އެދިވިއްޖެކަމަށާއި، އެހެންނަމަވެސް އެއްވެސްކަހަލަ ހައްލެއް މިކަމުގައި ނުލިބޭކަމަށް މުއިއްޒު ވިދާޅުވިއެވެ.