ހައުސިލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުމާލޭގެ ރަޖިސްޓްރީގެ ބޭނުންކުރަނީ ނަހަމަގޮތުގައި ކަމަށް މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލެސިޓީ ކައުންސިލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ، މާލެސިޓީ ކައުންސިލުން ކަންކަމުގައި އަމަލު ކުރަމުން އަންނަނީ ޤާނޫނީ ރައުޔު ލިބިގެންކަމަށެވެ.
އެގޮތުން މުއިއްޒު ވިދާޅުވީ އެޗްޑީސީއަށް ހަދާދީފައިވާ ރަޖިސްޓްރީތަކަކީ ބިން ހަވާލުކުރެވުނުކަން ބަޔާންކޮށްދީފައިވާ ވަގުތީ ރަޖިސްޓްރީތަކެއްކަމަށެވެ. އަދި ޤާނޫނަށް ގެނައި އިސްލާހުތަކާއެކު އާންމު ހިދުމަތްތަކާއި ރަށްވެހިކަމުގެ ހިދުމަތްތައް ދިނުމަކީ ސިޓީ ކައުންސިލުގެ ޒިންމާތަކަކަށްވެފައި އެ ޒިންމާތައް އަދާކުރުމުގެ މަސްއޫލިޔަތުތައް އަދާކުރުމުގައި އެޅޭ ހުރަހަކަށް ރަޖިސްޓްރީތައް ވަމުންދާކަމަށެވެ.
"ބަޔަކު ތަނެއްގައި ދިރިއުޅެންފަށާ ހިސާބުން އެތަނެއްގެ އާންމު ހިދުމަތްތައް ދޭންޖެހޭ. އެތަނެއްގެ ކައުންސިލްގެ ޒިންމާ އެބަ އާދޭ. އެއީ ބައެއްގެ އަމިއްލަ ބިމެއް، ގޯއްޗެއް ކަމަށްވަންޏާ ކީއްކުރާ ކައުންސިލަރެއްތޯ ހުންނަންވީ؟ މީހެއްގެ ގޯތީގެ ކަންތައް ބަލަހައްޓާކަށް ކައުންސިލެއް ނޯންނާނެ. މީހެއްގެ ގޯއްޗެއްގެ ކަންތައް ބަލަހައްޓާކަށް މަޖިލިސް މެމްބަރަކު ނުހުންނާނެ." މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ސަރުކާރާއި އެޗްޑީސީން ހުޅުމާލޭގެ ރަޖިސްޓްރީގެ ބޭނުން ނަހަމަގޮތުގައި ހިފަމުން އަންނަކަމަށެވެ.
ރަޖިސްޓްރީ ހަދައިދީފައި އޮތީ އެތަނުގެ ހަމައެކަނި ކޮމާޝަލް ބޭނުންތަކަށްކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ، މަގުތަކާއި އާންމު ތަންތަނާއި ޕާކުތައްފަދަ އާންމުން ބޭނުންކުރާތަންތަނަކީ އެޗްޑީސީގެ މިލްކެއް ނޫންކަމަށެވެ. އަދި ރަޖިސްޓްރީގެ ބޭނުންކޮށް މާލެސިޓީގެ ރައްޔިތުން ނިކަމެތި ކުރުން މާލެސިޓީ ކައުންސިލުން ބަލައިނުގަންނާނެ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
މާލެސިޓީ ކައުންސިލުން އެޗްޑީސީއަށް ހަދާދީފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކޮށް ކައުންސިލްގެ ބެލުމުގެ ދަށަށް ހުޅުމާލެ ގެނައުމަށް ފާސްކޮށްފައިވާއިރު، އެ މައްސަލަ އެޗްޑީސީން ވަނީ ސިވިލް ކޯޓަށާއި އެލްޖީއޭއަށް ހުށަހަޅާފައެވެ.