އައްޑޫގެ މަގު ހެދުމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ފެއްޓެވި މަޝްރޫއު މިމަހުގެ ފަހުކޮޅު ފެށޭނެ ކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ބުނެފި އެވެ.
އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް "އައްޑޫ ލައިވް" އާ ވާހަކަ ދައްކަވުން ވިދާޅުވީ އައްޑޫގެ މަގު ހެދުން މިހާރު މަޑުޖެހިފައިވަނީ ބަޖެޓްގެ ކަންކަން ހަމަޖެއްސުމަށް ކަމަށެވެ. އަދި ބަޖެޓްގެ ކަންކަން މިހާރު ހަމެޖެހި މިމަހު ފަހުކޮޅު މަސައްކަތް ފެށޭނެކަމަށް ނަޒީމް ވިދާޅުވި އެވެ.
ނަޒީމް ވިދާޅުވީ 2014ގެ ބަޖެޓްގެ ތެރެއިން ބޭނުންވާ ފައިސާ ހޯދުމަށް މިދިޔަ ހަފުތާތެރޭ ހައުސިން މިނިސްޓްރީ އާ ބައްދަލުކޮށް މިހާރު އެކަން ހަމަޖެހިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިދިޔަ ހަފްތާ ތަރޭ ހައުސިން މިނިސްޓްރީ އާއި ބައްދަލުކޮށް ބަޖެޓްގެ ކަންކަމާއި މަޝްވަރާކޮށް މިހާރު އެކަން ވަނީ ހަމަޖެހިފައި." ނަޒީމް ވިދާޅުވި އެވެ.
ވަހީދުގެ ސަރުކާރުގައި އެކުލަވާލި ރޯޑް ކޯޕަރޭޝަނުން ހިތަދޫ "މެދައާރި" މަގު ހެދުމަށްޓަކައި ވަނީ މަގު އެއްވަރުކޮށް ހިލަ އަޅައިފަ އެވެ.
ނަމަވެސް މި ދޭތެރެއިން އައްޑު އަށް ކުރި ވިއްސާރާގައި އެ މަގުގައި ފެން ހެދި މިހާރު ވަނީ ބައެއް ސަރަހައްދުތަކުގައި ވަޅުގަނޑު ހެދިފަ އެވެ.
ނަޒީމް ވިދާޅުވީ މެދައާރި މަގުގައި ތާރުއެޅުމުގެ މަސައްކަތް ފުރަތަމަ ކަމެއްގެ ގޮތުގައި ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ހުޅުމީދޫގައި ހަދަން ފަށާފައިވާ މަސައްކަތައްވެސް އަލުން ފަށާނެ ކަމަށެވެ.
އެގޮތުން ވެލި މަގުތައް އެއްވަރުކޮށް ކުރީގެ ޕްލޭނާ އެއްގޮތަށް މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.