Last Updated: June 20, 06:09
Saturday, June 20, 2026
ޚަބަރު

18 ކިލޯ ޑްރަގްސްއާއެކު ހައްޔަރުކުރި ބްރެޒިލް ފިރިހެންމީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ކްރިމިނަލް ކޯޓު --

ރާއްޖެއަށް ވައިގެމަގުން 18 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކުރި ބްރެޒިލް ފިރިހެންމީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

18 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ބްރެޒިލްގެ ފިރިހެން މީހާއަކީ އުމުރުން 28 އަހަރުގެ ކްރިސްޓިއާނޯ ސިލްވާ ރޮޑްރިޖް ޖޫނިއާ ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ ބަންދު ޖެހުމަށް އިއްޔަ ކްރިމިނަލް ކޯޓަށް ގެންދިއުމުން ކްރިމިނަލް ކޯޓުން ނިންމާފައިވަނީ، މައްސަލައިގައި ހުކުމް ކުރަންދެން ނުވަތަ މައްސަލަ ބައްލަވާ ފަނޑިޔާރު އެހެން ގޮތެއް ކަނޑައަޅަންދެން ކްރިސްޓިއާނޯ ބަންދުގައި ބެހެއްޓުމަށެވެ.

މިމައްސަލައިގައި ކްރިސްޓިއާނޯ ޝަރީއަތް ނިމެންދެން ބަންދަށް ޖަހާފައިވާއިރު، މައްސަލައިގައި ތުހުމަތުކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައިވާކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން ސީނަށް ދިޔަ ފުލުހުންގެ ބަޔާންތަކާއި، މަސްތުވާތަކެތި ފެނުނު ފޮށްޓާއި އެ ފޮށީގައިވާ ޓެގްގެ ފޮޓޯއާއި، ކްރިސްޓިއާނޯގެ ލަގެޖުން ފެނުނު މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓާއި، ކަސްޓްމްސް ސަރވިސްގެ ހާދިސާ ރިޕޯޓް ހުށަހަޅާފައިވާކަމަށެވެ.

މިމައްސަލައިގައި ކްރިސްޓިއާނޯގެ ދިފާއުގައި ފާހަގަކުރި ކަންކަމުގެ ތެރޭގައި، ފުލުހުންގެ މަސްތުވާތަކެތި ފެނުނު ލަގެޖުގައި ހުރީ 22 ކިލޯ ކަމަށާއި، ކްރިސްޓިއާނޯގެ ލަގެޖުގެ ބަރުދަން ރާއްޖެއިން ބޭރުން ބެލިއިރު އޭނާގައި ހުރީ 17 ކިލޯ ކަމަށް ބުނެފައިވެއެވެ. އެހެންކަމުން ފުލުހުން މަސްތުވާތަކެތި ހޯދައިވާ ލަގެޖަކީ މީނާގެ ލަގެޖެއް ނޫންކަމަށް ބެލުމުގެ ފުރުސަތު އޮތްކަމަށް ދިފާއުގައި ބުނެފައިވެއެވެ.

ދިފާއުގައި އިތުރަށް ބުނެފައިވަނީ މަސްތުވާތަކެތި ފެނުނު ލަޖެގަކީ މީނާގެ ލަގެޖެއް ނޫންކަމަށާއި، އިމިގްރޭޝަންގެ ސީސީޓީވީ ފްޓޭޖަށް ބެލުމުން މީނާ ގެނައި ލަގެޖުގެ ކުލައަކީ ކަޅުކުލަކަން އެނގޭނެކަމަށާއި، މަސްތުވާތަކެތި ފެނުނު ލަގެޖުގެ ކުލަ އަކީ އަޅިކުލަ ކަމަށާއި، އެހެންކަމުން މަސްތުވާތަކެތި ފެނުނު ލަގެޖާ މީނާއާ ގުޅުމެއް ނެތްކަމަށް ދިފާއުން ބުނެފައިވެއެވެ.

މިމައްސަލަގައި ފުލުހުން ބުނެފައިވަނީ މަސްތުވާތަކެތި ފެނުނު ފޮށީގައި ހުރީ ޕެކިނާއެކު 18 ކިލޯ ކަމަށާއި، މަސްތުވާތަކެތީގެ ބަރުދަނުގައި ހުރީ 15 ކިލޯ ކަމަށާއި، މަސްތުވާތަކެތި ފެނުނު ފޮށީގެ ބަރުދަނުގައި 22 ކިލޯ ހަމަނުވާކަމަށެވެ. އަދި އެހެން ގައުމަކުން ބަރުދަން ބެލިއިރު ކުޑަ ތަފާތެއް އައިސްފައިވުމަކީ މަސްތުވާތަކެތި ފެނުނު ލަގެޖަކީ އެހެން ލަގެޖެއް ކަމަށް ބެލުމުގެ ފުރުސަތު އޮތްކަމެއް ނޫންކަމަށެވެ.

މީގެއިތުރުން ފުލުހުން ބުނެފައިވަނީ މަސްތުވާތަކެތި ފެނުނު ލަގެޖުގައި ތަތްކޮށްފައިވަނީ މީނާގެ ޓެގް ކަމަށްވާތީ އެ ލަގެޖަކީ މީނާގެ އެއްޗެއްކަމަށް ބެލެވޭ ކަމަށެވެ.

މިމައްސަލައިގައި ކްރިސްޓީއާނޯ އާއެކު ހައްޔަރުކުރި ބްރެޒިލްގެ އަންހެންމީހާ ނައިރު ނުނެސް ޑިސްސޫޒާ ވަނީ ޑިސެމްބަރު 1 ވަނަ ދުވަހު ބަންދުން ދޫކޮށްލާފައެވެ.

ލިންކް: 18 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އަންހެންމީހާ ބަންދުން ދޫކޮށްލައިފި