Last Updated: June 20, 06:09
Saturday, June 20, 2026
ޚަބަރު

ތަންދޮރު ނުދަންނަ "ޖާހިލެއްހެން"، ހިތަށް އެރިހާ އެއްޗެއް ކިޔުމަކީ މާރީތި ކަމެއްނޫން: ޝަރީފް

ތަންދޮރު ނުދަންނަ ޖާހިލެއްހެން، ހިތަށް އެރިހާ އެއްޗެއް ކިޔުމަކީ މާރީތި ކަމެއް ނޫންކަމަށް ވިދާޅުވެ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރައްދު ދެއްވައިފިއެވެ.

ރައީސް ޔާމީން ރޭގެ ޖަލްސާގައި ދެއްކެވި ވާހަކައަށް ރައްދު ދެއްވާ ޝަރީފް ވިދާޅުވެފައިވަނީ، ރައްޔިތުންގެ ކުރިމަތީ ވޯޓު ލައި، ވޯޓު ގުނާ، ސާފު ވޯޓަކުން ބަލިވުމުން، ބަލި ގަބޫލުނުކޮށް ޕޯޑިއަމަށް އަރާހުރެ "މާ ކޫލް ކަމެއް ކަމަށް" ހީކޮށް ތަންދޮރު ނުދަންނަ "ޖާހިލެއްހެން" ހިތަށްއެރިހާ އެއްޗެއް ކިޔުމަކީ ރައީސް ކަން ކުރައްވާފައިވާ ބޭފުޅަކު ކުރަން މާ ރީތި ކަމެއް ނޫންކަމަށެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖެ އަޅުވެތި ކަމަށް ގެންދަން މަސައްކަތް ފެށީ 2018 ވަނަ އަހަރު ކަމަށެވެ. އެގޮތުން އެ އަހަރުގެ ރިޔާސީ އިންތިހާބުން އެމަނިކުފާނު ބަލިނުކުރެވޭނެކަން ޔަގީންވި ހިސާބުން ހުރިހާ ޗަރުކޭހެއް ކުޅެން ފެށި ކަމަށާއި މީގެ ހަގީގަތަކީ އެއީ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެން އީސީ ޝަރީފުގެ ނަން ގެންނަނީ ޒިކުރު ކުރާ ގޮތަށް. އެކަމަކު މިއީ މި ދެންނެވި މީހުންގެ ތެރޭގައި ހުރި ހާއިނުންގެ ތެރެއިން އަރާހުރި ހާއިނެއް. އެނގޭނެ ކަންތައް ހިނގާދިޔަ ގޮތް." ޔާމީން ވިދާޅުވި އެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މަކަރު ހެދި ކަމަށް ބުނެ ޔާމީން މީގެކުރިން ވެސް ޝަރީފަށް ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވާފަ އެވެ. އަދި އިންތިހާބުގެ ނަތީޖާ ގަބޫލުކުރަން ދަތި ކަމަށްވެސް ޔާމީން އެތައް ފަހަރެއްގެ މަތިން ވިދާޅުވެފައިވެ އެވެ.

ޔާމީންގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން 2019 ވަނަ އަހަރު ތެރޭ ޝަރީފް ވަނީ އިންތިހާބުގެ ނަތީޖާ ޔާމީން ގަބޫލުނުކުރާ ވާހަކަ އަކީ ކުރު ވާހަކަ މުބާރާތުގައި ބައިވެރިކުރަން ރަނގަޅު ވާހަކައެއް ކަމަށް ގަބޫލުކުރާ ކަމަށް ވިދާޅުވެފަ އެވެ.