Last Updated: June 20, 06:09
Saturday, June 20, 2026
ޚަބަރު

ރައީސް ސޯލިހް ގާފަރު ކައުންސިލާ ބައްދަލުކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކ. ގާފަރު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ގާފަރު ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތައް ރައީސް ސޯލިހާ ހައްސާ ކުރައްވާ މަޝްވަރާ ކުރައްވާފައެވެ.

އެގޮތުން، ކައުންސިލުން ފާހަގަކުރައްވައިފައިވާ ކަންކަމުގެ ތެރޭގައި، ރަށުގެ ރައްޔިތުން ބިން ހިއްކުމަށް ބޭނުންވާކަމާއި، ބަނދަރުގެ ޖާގައިގެ ދަތިކަމާއި، ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމަށް ބަޖެޓުގައި ހިމެނިފައިވީ ނަމަވެސް މަސައްކަތް ނުފެށި ލަސްވުމުން ހުރި ކަންބޮޑުވުންތަކާއި، ރަށްގިރުމުގެ މައްސަލައާއި، ފެނާއި ނަރުދަމާގެ މަސައްކަތް ބަޖެޓުގައި ހިމެނުނު ނަމަވެސް މަސައްކަތް ނުފެށި ލަސްވާ މައްސަލަ ހިމެނެއެވެ. އަދި ކުނި މެނޭޖްކުރުމުގައި ދިމާވާ ދަތިތަކާއި، ސްކޫލްގެ ޖާގައިގެ ދަތިކަން އަދި ބޭންކިންގ ގެ ޚިދުމަތް ބޭނުންވާކަންވެސް ފާހަގަކުރެއްވިއެވެ.

މިބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ރައިސް ސޯލިހް އެރުވިކަމަށް ރައިސް އޮފީހުން މައލުމާތުދެއެވެ. އެގޮތުން ސްކޫލްގެ މައްސަލަ ނޫން އެހެން ހުރިހާ ކަމެއް ވަނީ ބަޖެޓުގައި ހިމެނިފައިކަމަށާއި އަދި ކޮންމެވެސް އެއް މަރުޙަލާއެއްގައި މަސައްކަތް ކުރިޔަށް ހިނގަ ހިނގާ އޮތްކަން ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައިސް ސޯލިހްގެ އަރިހުގައި ނައިބު ރައީސް ފައިސަލް ނަސީމްވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.