41 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ޙަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކ. ގާފަރަށް ކުރެއްވި ދަތުރުފުޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާލައްވައިފިއެވެ.
ރައީސް ސޯލިހްގެ މިދަތުރުފުޅުގައި ގާފަރުގައި ސަރުކާރުން ޤާއިމުކޮށްފައިވާ 25 ޓަނުގެ އައިސް ޕްލާންޓް ރަސްމީގޮތުން ވަނީ ހުޅުއްވައިދެއްވާފައެވެ. އެ ސަރަޙައްދުގެ ގިނަ މަސްވެރިންނަށް އައިސް ހޯދުމުގައި އިތުރު ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ގާފަރުގައި ޤާއިމުކޮށްފައިވާ 3.5 މިލިއަން ރުފިޔާގެ މި އައިސް ޕްލާންޓަކީ 50 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީއާއެކީ ސަރުކާރުގެ ފަރާތުން ފިޝަރީޒް މިނިސްޓްރީން މިފްކޯއާ ޙަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަޝްރޫޢެކެވެ.
މީގެއިތުރުންވެސް މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އެރަށުގައި ކުރިއަށްގެންދިޔަ އެކި ހަރަކާތްތައް ރައީސް ބައްލަވާލެއްވިއިރު، މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގާފަރުގައި ބޭއްވެވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާފައިވެއެވެ.
ރައީސް ސޯލިހްގެ އަރިހުގައި މިދަތުރުފުޅުގައި ނައިބުރައީސް ފައިސަލް ނަސީމްވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހަކީ، ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ.