އައްޑުސިޓީއިން ކޮވިޑް-19 ގައި އިތުރު މީހަކު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ އުމުރުން 83 އަހަރުގެ ފިރިހެނެކެވެ. މިއާއެކު އައްޑޫއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 13 އަށް އަރާފައެެވެ.
އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް އުޅެނީ ހިތަދޫ އަވަށުގައެވެ. އެގޮތުން ހިތަދޫގައި ކޮވިޑްގެ އެކްޓިވް 110 ކޭސް އުޅޭއިރު، މަރަދޫގައި 13 ކޭސް، މަރަދޫފޭދޫގައި ހަތަރު ކޭސް، މީދޫގައި 12 ކޭސް އަދި ހުޅުދޫގައި 14 ކޭސް އުޅޭ ކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ. މިއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު އުޅެނީ 154 ގައެވެ.
ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 92،846 އަށް އަރާފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 1801 ކޭސް އެވެ. މި ބަލިން 90،776 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 16 މީހަކަށެވެ. މި ބަލީގައި 257 މީހަކު ވަނީ ނިޔާވެފައެވެ.