Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ޕެނަލްޓީގެ އެހީގައި ސިޓީ، ލިވަޕޫލް އަދި ޗެލްސީ މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލީގު އެންމެ ކުރީގައި އޮތް ތިން ޓީމު ކަމަށްވާ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް އަދި ޗެލްސީ ޕެނަލްޓީގެ ޕެނަލްޓީގެ އެހީގައި މޮޅުވެއްޖެ އެވެ.

ސިޓީ އަމިއްލަ ދަނޑުގައި މިރޭ މޮޅުވީ ވުލްވްސްއާ ބައްދަލުކޮށް 1-0 އިންނެވެ. އެ މެޗުން ސިޓީ މޮޅުވީ ރަހީމް ސްޓާލިން ކާމިޔާބުކޮށްދިން ޕެނަލްޓީންނެވެ. މުހައްމަދު ސަލާހުގެ ޕެނަލްޓީން އެސްޓަންވިލާ އަތުން 1-0 އިން ލިވަޕޫލް މޮޅުވިއިރު ޗެލްސީން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 3-2 އިން ކުރި ހޯދީ ފަހު ވަގުތު ޖޯޖީނިއޯ ކާމިޔާބުކުރި ޕެނަލްޓީއަކުންނެވެ.

މި ނަތީޖާތަކާ އެކު ސިޓީ އެއް ވަނައިގައި އޮތީ 38 ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި އޮތް ލިވަޕޫލަށް 37 ޕޮއިންޓު ލިބިިފައިވާއިރު 36 ޕޮއިންޓާ އެކު ތިންވަނައިގައި އޮތީ ޗެލްސީ އެވެ.

ސިޓީ އާއި ވުލްވްސް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް ވުލްވްސްގެ ފޯވާޑް ހިމެނޭޒަށް ދެ ރީނދޫ ކާޑު ދައްކައި ދެއްކި ރަތްކާޑާއެކު އެޓީމުން މެޗުގެ ބާކީބައި ފުރިހަމަ ކުރީ 10 ކުޅުންތެރިންނާ އެކު އެވެ. އޭނާ އަށް ދެ ރީނދޫ ކާޑު ވެސް ދެއްކީ މެޗުގެ ކުޅުން ލަސް ކުރަން އުޅުނު ކަމަށް ބެލުމަށްފަހު އެވެ.

10 ކުޅުންތެރިންނާއެކު ކުޅުނު ވުލްވްސް ކޮޅަށް ސިޓީގެ ސްޓާލިން ވައްދާލި ޕެނަލްޓީ އަކުން ވުލްވްސްގެ މިޑްފީލްޑަރު މުޓީނިއޯ އަތުގައި ބޯޅަ ޖެހުނު ކަމަށް ނިންމައި ދިން ޕެނަލްޓީ އަކުންނެވެ. މިއީ ޕްރިމިއާ ލީގުގައި ސްޓާލިން ކާމިޔާބުކުރި 100 ވަނަ ގޯލުވެސް މެ އެވެ.

ލިވަޕޫލް އާއި އެސްޓަންވިލާ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މެޗުގެ 67 ވަނަ މިނެޓްގައި ސަލާހު ވަނީ ޕެނަލްޓީ އަކުން އެޓީމަށް ލީޑު ނަގާދީފަ އެވެ. މި ޕެނަލްޓީ ލިވަޕޫލަށް ލިބުނީ ސަލާހަށް އެސްޓަންވިލާގެ ޑިފެންޑަރު މިންގްސް ކުރި ފައުލަކާ ގުޅިގެންނެވެ. މި މެޗުގައި ލީޑު ނަގަން ރަނގަޅު އިތުރު ފުރުސަތުތަކެއް ވެސް ލިވަޕޫލަށް ލިބި ބޭކާރުވެފައިވެ އެވެ.

ޗެލްސީގެ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ލީޑްސް އިންނެވެ. އެގޮތުން އެޓީމަށް ލިބުނު ޕެނަލްޓީ އަކުން ރަފީނިއާ ލީޑު ނަގާދީފައިވަނިކޮށް ފުރަތަމަ ހާފް ނިމުމުގެ ކުރިން މޭސަން މައުންޓް ވަނީ ޗެލްސީ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު ޗެލްސީ އަށް ލިބުނު ޕެނަލްޓީ އަކުން ޖޯޖީނިއޯ ވަނީ ޗެލްސީ އަށް ލީޑު ނަގާދީފަ އެވެ.

ލީޑު ނެގިފަހުން ޗެލްސީގެ ކުޅުން ދަށްވިއިރު ލީޑްސް އިން ވަނީ މެޗުގެ 83 ވަނަ މިނެޓްގައި ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ގޯލު ލީޑްސް އަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ކުޅެން އެރި ޖޯ ގެލްހާޑްޓް އެވެ. މި ނަތީޖާއާއެކު ދެ ޓީމު ވެސް އެއްވަރުވާން ދަނިކޮށް މެޗުގެ ފަހު ވަގުތުކޮޅުތެރޭ ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްދީ ޖޯޖީނިއޯ ވަނީ ޗެލްސީ އަށް މި މެޗުން ތިން ޕޮއިންޓު ހޯދާދީފަ އެވެ.