Last Updated: June 20, 06:09
Saturday, June 20, 2026
ޚަބަރު

ރާއްޖޭގެ ފުރަތަމަ ސްމާޓް ސިޓީއަށް ހުޅުމާލެ ހެދުމުގެ މަސައްކަތް، ސްމާޓްކޮމް އިފްތިތާހުކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) އެކުންފުނީގެ ސްމާޓް ސިޓީ ބްރޭންޑް ކަމަށްވާ ސްމާޓްކޮމް އިފްތިތާހު ކޮށްފިއެވެ.

މި ބްރޭންޑް އިފްތިތާހު ކުރީ މި ކަމަށްޓަކައި ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ.

އެޗްޑިސީން ބުނެފައިވަނީ ހުޅުމާލޭގެ ތަފާތު ކޮމިއުނިޓީތައް ޑިޖިޓަލީ ގުޅުވާލުމަކީ ސްމާޓްކޮމްގެ ދުރު ތަސައްވުރު ކަމަށެވެ. ސްމާޓްކޮމްގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ސިޓީގެ ކަންކަން ކުރިއަށް ގެންދިއުމަށް ތަފާތު ސްމާޓް ސޮލިއުޝަންތައް ތައާރަފު ކުރުން ހިމެނެއެވެ. އަދި މުޖުތަމައުގެ އެއްމެހާ ފަރުދުން ހިމެނޭހެން ހުރިހާފަރާތްތައް ގުޅިގެން މި ތަސައްވުރަށް ވާސިލުވުމަށް ތަފާތު ޕާޓްނަރޝިޕްތައް އުފެއްދުމަކީ ވެސް އެއް އަމާޒެވެ. މީގެ އިތުރުން ޓެކްލޮލޮޖީއާއި އުފެއްދުންތެރިކަން ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތަކަށް ރައްޔިތުންގެ ދިރިއުޅުމަށް ލުއިފަސޭހަކަން ގެނެސްދިނުން ހިމެނޭ ކަމަށްވެސް އެޗްޑީސީން މައުލުމާތުދެއެވެ.

މި ބްރޭންޑްގެ ދަށުން މުސްތަޤްބަލުގައި ތައާރަފުވެގެންދާ ތަފާޓު ސްމާޓް ސޮލިއުޝަންސްތަކުގެ ސަބަބުން ސިޓީގެ ތައުލީމާއި ސިއްހަތާއި ދަތުރުފަތުރުގެ ކަންކަން، ރައްޔިތުންނާއި އާއްމު ތަންނަނުގެ ރައްކާތެރިކަން ކަށަވަރުވުން، ވިޔަފާރިއާއި އިގްތިސާދު ކުރިއެރުން، އިތުރު ވަޒީފާގެ ފުރުސަތުތައް ތަނަވަސްވުން ފަދަ ގިނަގުނަ ފައިދާތަކާއި ލުއިފަސޭހަތައް ރައްޔިތުންނަށާއި ވިޔަފާރިތަކަށް، އަދި ސަރުކާރުގެ އިދާރާތަކަށްވެސް ލިބިގެން ދާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ވަކިން ހާއްސަކޮށް ޕާޓްނަރޝިޕްތަކާއި، އިންކިއުބޭޝަން ފެސިލިޓީތަކާއި، އަދި މިކަހަލަ ތަފާތު ޕްރޮގްރާމްތަކާއެކު، ޓެކްނޮލޮޖީ އިންޑަސްޓްރީއަށް ޝައުގުވެރިކަން ހުންނަ ހުނަރުވެރި ޒުވާނުންނަށް ފުރުސަތުތައް ފަހިވެ، އަދި މިދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށާއި، އަލަށް މި އިންޑަސްޓްރީއަށް ނިކުންނަން ބޭނުންވާ ވިޔަފާރިތަކަށްވެސް ފުރުސަތުތައް ފަހިވެގެންދާނެ ކަމަށްވެސް އެޗްޑީސީން މައުލޫމާތުދެއެވެ.

އެޗްޑީސީން ބުނެފައިވަނީ ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމުގެ މަގުސަދުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އެގޮތުން ހުޅުމާލޭގައި އޯޕަން އެކްސެސް ނެޓްވޯކަކާއިއެކީގައި ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއް ގާއިކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާކަމަށެވެ.

އެޗްޑީސީގެ އަމާޒަކީ ސްމާޓްސިޓީގެ ހިދުމަތް ނުވަތަ ސްމާޓް ސޮލިއޝަންތައް ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކަށްވެސް ފޯރުކޮށްދިނުންކަން ފާހަގަކޮށް ބުނެފައިވަނީ، އެގޮތުން އިންޓަނެޓް އަދި ޓީވީފަދަ ހިދުމަތްތައްދޭ ހުރިހާ ފަރާތްތަކަށް އެއްވިއުގައެއް މެދުވެރިކޮށް ރައްޔިތުންނަށް ހިދުމަތްދެވޭގޮތަށް ފަރުމާކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކެއް ގާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށެވެ. އަދި މި އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް މިއަހަރުގެ ފަހު ކުއާޓާގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަދި ހާއްސަކޮށް ހިޔާފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވަނީ ދިރާގު، އުރީދޫ އަދި މީޑިއާ ނެޓްގެ ޚިދުމަތްތައްދޭން ފަށާފައިވާކަމަށް އެޗްޑިސީން މައުލޫމާތުދެއެވެ.

ދެވަނަ ފިޔަވަހީގައި މޮބައިލް ކަވަރޭޖް ރަނގަޅު ކުރުމުގެ ގޮތުން މުއާސަލާތީ ޚިދުމަތްދޭ ހުރިހާ ކުންފުނި ތަކަށްވެސް އެއްޓަވަރުތަކެއް ބޭނުންކޮށްގެން ޚިދުމަތް ދެވޭފަދަ މުއާސަލާތީ ޓަވަރު ތަކަކާއި، ސްޓްރީޓް އަދި ރޫފްޓޮޕް ޕޯލް ތަކެއް ޖެހުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަން އެޗްޑީސީން ފާހަގަކޮށްފައިވެއެވެ.