ފުލުހުން މާލެއާއި މާފުށިގައި ހިންގި އޮޕަރޭޝަންތަކެއްގައި ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގެންފިއެވެ.
މާފުށީގައި ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނަކާއި 22 އަހަރުގެ ދިވެހި ފިރިހެނަކާއި 21 އަހަރުގެ ދިވެހި ފިރިހެނަކާއި 34 އަހަރުގެ ދިވެހި ފިރިހެނަކާއި 51 ދިވެހި ފިރިހެނަކާއި 28 އަހަރުގެ ސްރީލަންކާ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި ހަމީހުން ހައްޔަރުކޮށްފައިވަނީ ކ. މާފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ ވިޔަފާރިކުރާކަމަށް އަދި ގާނޫނާއި ގަވާއިދާ ހިލާފަށް އެރަށް ބަނގުރާ އެތެރެކޮށް ބަނގުރަކުގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި މާފުށި ޕޮލިސް ސްޓޭޝަނުން ގުޅިގެން ޑިސެމްބަރު 9 ވަނަ ދުވަހު ހިންގި ދެ އޮޕަރޭޝަނުގައެވެ.
ހައްޔަރުކުރި މީހުންގެ ތެރެއިން 29 އަހަރުގެ މީހާއާއި 22 އަހަރުގެ މީހާ އަދި 21 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މާފުށީގެ ތިން ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކުއެވެ. މި ތިން މީހުންނަށް މާފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ. 34 އަހަރުގެ މީހާއާއި 51 އަހަރުގެ މީހާއާއި 28 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މާފުށި ކައިރީގައި އޮތް ސަފާރީއެއް ބަލައިފާސްކޮށެވެ. އެސަފާރީ ބަލައިފާސްކޮށް 88 ފުޅި ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ބުނެފައިވެއެވެ. މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެއިތުރުން މާލޭގައި ޑިސެމްބަރު 9 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނެއްގެ އިތުރުން 51 އަހަރުގެ ފިރިހެނެއް ކަމަށާއި، މިމީހުންގެ ތެރެއިން 51 އަހަރުގެ މީހާއަކީ ބަނގްލަދޭޝް ފިރިހެނެއް ކަމަށާއި ދެން ތިބި ހަތަރު މީހުންނަކީ ދިވެހިން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މިއޮޕަރޭޝަންގައި ބޮޑުތަކުރުފާނު މަގު ދުވާ ޓްރެކާ ދިމާލު ފަޅުތެރޭގައި ތޮށިގަނޑާ ކައިރިކޮށްފައިއޮތް ލޯންޗަކާއި އެސަރަހައްދުގައި އޮތް ޓެކްސީ އެއް ބަލައިފާސްކޮށްފައިވާކަން ފާހަގަކޮށް ފުލުހުން ބުނެފައިވަނީ ލޯންޗު ބަލައިފާސްކުރިއިރު ބަނގުރާ ފުޅިތަކެއް ހުރި 12 ފޮށިގަނޑު ފެނިފައިވާކަމަށާއި، ޓެކްސީ ބަލައިފާސްކުރިއިރު ބަނގުރާ ފުޅިތަކެއް ހުރި ތިން ފޮށި ގަނޑު ފެނިފައިވާކަމަށެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިިރުކުރުމުން އެކަކުގެ ބަންދަށް 15 ދުވަސް، ދެމީހަކަށް 10 ދުވަހަސް އަދި އަނެއް ދެމީހުންނަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން މައުލުމާތުދެއެވެ.