އައްޑޫ ސިޓީ މީދޫގެ މަތިކިޅި އިކޯ ގާޑެންގެ މަސައްކަތް ލަސްވަނީ އެންވަޔަރޮމެންޓް މިނިސްޓްރީން ލިބެންވާ ހުއްދަ ނުލިބުމުގެ ސަބަބުން ކަމަށް، މީދޫ އަވަށުގެ ކައުންސިލަރު އާމިނަތު ޞާލިހާ ވިދާޅުވެއްޖެ އެވެ.
ޞާލިހާ "އައްޑޫލައިވް" އަށް މައުލޫމާތު ދެމުން ވިދާޅުވީ، އިކޯ ގާޑެންގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކައުންސިލުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮށް ނިމިފައިވާ ކަމަށާއި، މަސައްކަތް ލަސްވަނީ މިނިސްޓްރީގެ ހުއްދަ ނުލިބުމުގެ ސަބަބުން ކަމަށެވެ.
މަތިކިިޅި ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދަކަށް ވުމާއެކު، އެތަނުގައި ކުރާ މަސައްކަތްތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރު ދެނެގަތުމަށް ރިޕޯޓެއް ހެދުމަށް މިނިސްޓްރީން އެންގި ކަމަށާއި، އެކަންވެސް ކޮށްފައިވާ ކަމަށް ސާލިހާ ވިދާޅުވި އެވެ. އަދި މި މަސައްކަތަކީ އީއައިއޭ ހަދައިގެން ކުރެވޭ މަސައްކަތެއްކަމުން މި މަސައްކަތް ކުރިއަށް ގެންދިއުމަށް އީޕީއޭގެ ހުއްދަ ބޭނުންވާ ކަމަށްވެސް ސާލިހާ ވިދާޅުވި އެވެ.
އަޅުގަނޑު މިއަދުވެސް މިނިސްޓްރީއަށް ގުޅިން. އެބޭފުޅުން ވިދާޅުވީ އަދިވެސް ހުއްދަ ނުލިބޭކަމަށް، ޞާލިހާ ވިދާޅުވި އެވެ.
މިކަމާއި ގުޅިގެން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމު ވިދާޅުވީ، އީއައިއޭ ހަދަންޖެހޭ ކަމެއްގައި އީއައިއޭ ނަހަދާ ހުއްދަ ނުދެވޭނެ ކަމަށެވެ. ނަމަވެސް މަތިކިޅީގެ މި މައްސަލައަކީ ނައީމަށް މައުލޫމާތު ލިބިވަޑައިގެން ނެތް ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ތިއީ އަޅުގަނޑު ދަނެހުރި ކަމެއް ނޫން؛ އީޕީއޭ އާ ހެދި މަތިކިޅީގެ މަސައްކަތް ނުވެގެން އުޅޭކަން، ނައީމު ވިދާޅުވި އެވެ.
އައްޑޫ މީދޫ މަތިކިޅި އިކޯ ގާޑެނަކީ އެ އަވަށަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި މަގުބޫލު ތަނެކެވެ. ނަމަވެސް އެތަން މަރާމާތުނުކޮށް އޮތުމުގެ ސަބަބުން އެތަނަށް ޒިޔާރަތްކުރާ މީހުން ނުރައްކާތަކާ ކުރިމަތިލާން ޖެހޭކަން ފާހަގަކޮށްލެވެ އެވެ.