Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

100 ކިލޯ ޑްރަގް މައްސަލައިގައި ހިމެނޭ ދިވެހިން ދޫކޮށް ދެ ބިދޭސީންގެ ބަންދު އިތުރުކޮށްފި

100 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކޮށް ބަންދުގައި ތިބި ހުރިހާ ދިވެހިން ދޫކޮށްލައިފިއެވެ.

އޮކްޓޫބަރު 13 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 100 ކިލޯގެ މަސްތުވާތަކެއްޗާއެކު 10 މީހަކު ހައްޔަރު ކުރިއެވެ. އެހެންނަމަވެސް ބަންދުން މީހުން ދޫކުރަމުންގޮސް އެންމެފަހުން މިމައްސަލައިގައި ބަންދުގައި ތިބީ ޖުމުލަ ފަސް މީހުންނެވެ. އެއީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ.

އެ ފަސް މީހުންގެ ބަންދު ޖެހުމަށް އިއްޔަ ކޯޓަށް ގެންދިއުމުން އޭގެތެރޭގައި ހިމެނޭ ދިވެހިން ވަނީ ބަންދުން ދޫކޮށްލާފައެވެ. އިއްޔަ ބަންދުން ދޫކޮށްލާފައިވާ މީހުންނަކީ ނ. ވެލިދޫ، ބީޗްހެވެން، ޖުމާން މުސްތަފާ، ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހްމަދު އަދި ދ. ބަނޑިދޫ، ޕޮލަރިސް، މުހައްމަދު ހުސައިންއެވެ. މިމީހުންގެ ބަންދުން ދޫކޮށްލީ އެ މައްސަލައާ ގުޅިގެން ހޯދި މަސްތުވާތަކެއްޗާ އެމީހުންނާ، ގުޅުވާލެވޭ ވަރުގެ ހަރުދަނާ ހެއްކާއި ގަރީނާ ހުށަހަޅާފައި ނެތް ކަމަށް ބުނެއެވެ.

މި މައްސަލައިގައި މިވަގުތު ބަންދުގައިތިބީ އެމްޑީ ރަފީޤުލް އިސްލާމް އަދު ޑީއެމް މޮބިންއެވެ. މިމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔަ ވަނީ އިތުރު 10 ދުވަސް ދީފައެވެ.

މި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅު ރަށްރަށާއި ހުޅުމާލެއާއި މާލެ އާއި މާލޭގެ ބައެއް ގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން، 100 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއްކަމަށްވާ އދ. ބޮޑުކާށިހުރާ ގައި ފޮރުވާފައި ހުއްޓައި ކަމަށް ފުލުހުން ބުނެފައިވެއެވެ.