Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

އިންތިހާބު އޮޅުވާލުމުގައި ފުލުހުން ބައިވެރިވި، ޝަރީފް ހައްޔަރު ކުރޭ: އިދިކޮޅު

2018 ގައި ބޭއްވި ރިޔާސީ އިންތިހާބު އޮޅުވާލުމުގައި ފުލުހުން ބައިވެރިވެފައިވާކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީން ތުހުމަތު ކޮށްފިއެވެ.

އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، 2018 ގެ ރިޔާސީ އިންތިހާބާ ގުޅިގެން ފުލުހުން އޭރު ތައްޔާރުކުރި ރިޕޯޓް ފުލުހުންގެ ތެރޭގައި ސިއްރު ކޮށްފައި އޮތުމުން، އިންތިހާބު އޮޅުވާލުމުގައި ފުލުހުންގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭކަމަށެވެ.

"މިއަދާ ހަމަޔަށް އައިއިރު ސިއްރުކޮށްފައި އޮތުމަކީ ފުލުހުންގެ އިހުމާލު އޮތްކަން ހާމަވެގެން ދާ ކަމެއް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަދުރޭ ތުހުމަތު ކުރެއްވި ގޮތުގައި 2018 ގެ ރިޔާސީ އިންތިހާބް އޮޅުވާލުމުގައި އިންޑިއާގެ ދައުރުވެސް ހިމެނެއެވެ. އަދި އިންތިހާބު އޮޅުވާލުމުގައި އީސީގެ އޭރުގެ ރައީސް އަހުމަދު ޝަރީފްގެ ދައުރުވެސް ބޮޑުކަމަށާއި، ޝަރީފް ހައްޔަރު ކުރުމަށް އަދުރޭ ގޮވާލާފައިވެއެވެ.

"ވޯޓު ކަރުދާސްތައް ނައްތާލި ނައްތާލުމުން ދޭހަވެގެން ދަނީ މި އިންތިހާބުގެ ކަންތައްތަކުގައި އޮޅުވާލުންތަކެއް ގެންގުޅެފަ ހުރިކަން." އަދުރޭ ވިދާޅުވިއެވެ.

2018 ގެ ރިޔާސީ އިންތިހާބުގެ ވާހަކަ އަނެއްކާވެސް ދެކެވެން ފަށާފައިމިވަނި އިދިކޮޅުން މިދިޔަ ހުކުރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ އިންތިހާބު އޮޅުވާލިކަމަށް ތަކުރާރުކޮށް ވިދާޅުވެ، އީސީގެ އޭރުގެ ރައީސް ޝަރީފްއަކީ "ޚާއިނެއް"ގެ ގޮތުގައި ސިފަކުރުމުންނެވެ. އަދި އިއްޔަގެ ވަގުތަކުން ފެށިގެން އަންނަނީ، 2018ގެ ރިޔާސީ އިންތިހާބާއި ގުޅިގެން ފުލުހުން ތައްޔާރުކުރި ރިޕޯޓެއް ކަމަށްބުނެ ލިޔުމެއްވެސް ދައުރުކުރަމުންނެވެ.