ހަތަރުވަނަ ކުއާޓަރގައި ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ ލިބޭ ރަށްތައް ހާމަކޮށްފިއެވެ.
އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބީއެމްއެލްއިން ހިންގާ އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ މިއަހަރުގެ ހަތަރުވަނަ ކުއާޓަރގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން ހޮވިފައިވަނީ ފަސް ޕްރޮޖެކްޓެކެވެ.
މި ގޮތުން ހޮވުނު ފަސް ޕްރޮޖެކްޓަކީ:
1. ނ. ހެނބަދޫ – ބާބެކިއު ބާއްވާ ސަރަހައްދެއް ގާއިމުކުރުން
2. ކ. މާފުށި – އައުޓްޑޯ ލައިބްރަރީއެއް ގާއިމުކުރުން
3. ފ. ފީއަލި – އައުޓްޑޯ ލައިބްރަރީއެއް ގާއިމުކުރުން
4. ތ. ބުރުނި – ރާގޮނޑި ބީޗް ތަރައްގީކުރުން
5. ގދ. ތިނަދޫ – އިސްރަށްވެހިންނަށް ޚާއްސަ ޕާކެއް ގާއިމުކުރުން
"އަޅުގަނޑުމެންގެ އަމާޒަކީ މި ފަންޑުގެ ދަށުން މުޖުތަމައަށް ފައިދާކުރާނެ މުހިންމު ޕްރޮޖެކްޓްތަކަކަށް އެހީތެރިކަންފޯރުކޮށްދިނުން. މިފަހަރުވެސް ރަނގަޅު ޕްރޮޕޯސަލް ތަކެއް ކޮމިއުނިޓީ ފަންޑަށް ލިބުނުކަން އުފަލާއެކު ފާހަގަކޮށްލަން. މިއިން ދައްކުވައިދެނީ އަމިއްލަ ފަރުދުންނާއި ޖަމިއްޔާތަކުން ރަށުގެ ތަރައްގީ އާއި މުޖުތަމައުގެ ލާބައަށް މަސައްކަތްކުރުމަށް ބޭނުންވާ މިންވަރު. މި ކުއާޓަރގެ ކޮމިއުނިޓީ ފަންޑު ކާމިޔާބުކުރި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަން. އަދި މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމަށް އާންމު ފަރުދުންނާއި ޖަމިއްޔާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން." ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސައީދު ވިދާޅުވިއެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް ވަނީ މުޖުތަމައަށް ފައިދާކުރާ 60 ޕްރޮޖެކްޓެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.