ދޮގު ހަބަރު ފެތުރުން މަނާކުރުމުގެ ޤާނޫނެއް ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.
2018 ގެ ރިޔާސީ އިންތިހާބާ ގުޅިގެން ތައްޔާރުކޮށްފައި އޮތް ފުލުހުންގެ ލިޔުމެއްކަމަށް ބުނެ ފޭކު ލިޔުމެއް ދައުރުކުރި މައްސަލައިގައި އިކްރާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "ފޭކް ނިއުސް"ގެ ސަބަބުން އެކަމުގައި އެތައް ބައެއްގެ ވަގުތުތަށް ބޭކާރުވެގެން ދިޔަ ކަމަށެވެ. އަދި ރާއްޖެއަށް، ދޮގު ހަބަރު ފެތުރުން މަނާކުރުމުގެ ގާނޫނެއް ވަރަށް އަވަހަށް ބޭނުންވާކަމަށްވެސް އިކްރާމް ވިދާޅުވިއެވެ.
Iyye akee Fake News ehge sababun ethah baehge ethah vagutheh beykaaruvi dhuvaheh. Polihunves statementeh neren majboorvi. Raajje ah Fake News Prohibition Act eh urgentkon beynunvey. pic.twitter.com/Fi7MGoYTwT
— Ikram Hassan MP (@ikramhassan) December 13, 2021
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅިގެން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކާއި އެ މައްސަލަތަކުގެ ތަހުގީގު ނިމިފައިވާ ގޮތުގެ ރިޕޯޓެއް ކަމަށް ބުނެ ދައުރުކުރަމުންދަނީ ފޭކު ލިޔުމެއް ކަން ފުލުހުން ހާމަކޮށްފައިވަނީ އިއްޔަގެ ވަގުތެއްގައެވެ.
ފުލުހުން އިއްޔަ ނެރުނު ބަޔާނެއްގައި ބުނީ ފުލުހުންގެ ތަހުގީގު ރިޕޯޓެއް ކަމަށް ބުނެ އާންމުކޮށްފައިވާ ލިޔުމަކީ ފުލުހުންގެ ލިޔުމެއްކަން ދެއްކުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ސައްހަ ނޫން ލިޔުމެއް ކަމަށެވެ.
އެގޮތުން އެ ލިޔުމުގައި ބޭނުންކޮށްފައިވާ ފޯމެޓާއި، ބޭނުންކޮށްފައިވާ ސްޓޭމްޕްގެ ފުށުއެރުންތަކެއް ހުރުމާއި ސްޓޭމްޕުގައި ފުލުހުންގެ މުއައްސަސާގެ ނަން ކަމަށް ބޭނުންކޮށްފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" މި ނަމަކީ ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލުކުރަން ފެށުމާ ގުޅިގެން ފުލުހުން ބޭނުން ކުރަމުން އަންނަ ނަން ކަމަށާއި ކުރީގެ ސްޓޭމްޕުގައި ފުލުހުން ބޭނުންކޮށްފައިވާ ނަމަކީ "މޯލްޑިވްސް ޕޮލިސް ސާވިސް" ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ވަނީ މިއީ ރައްޔިތުންގެ ހިތްތަކުގައި ފުލުހުންގެ ހިދުމަތަށް އޮތް އިތުބާރާއި ޔަގީންކަން ކުޑަކުރުމުގެ ގޮތުން ހަދާފައިވާ ލިޔުމެއް ކަމަށް ބުނެފަ އެވެ. އަދި އެ ލިޔުމަކީ ގަވާއިދާ ހިލާފަށް ފުލުހުންގެ ސިއްކަ ބޭނުންކޮށްގެން އުފައްދާފައިވާ ލިޔުމެއް ކަމަށްވާތީ އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށްވެސް ފުލުހުން ބުނެ އެވެ.