Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައިފި

ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެއުވާލުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނު އުވާލުމުގެ ބިލު ރައިސް ސޯލިހް މިއަދު ތަސްދީގު ކުރެއްވިއިރު، މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓިއިން ދެމުންދިޔަ ޚިދުމަތްތައް ދެމުންދާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުންނެވެ.

އަދި އެ އޮތޯރިޓީގެ މުވައްޒަފުންގެ ގޮތުގައި ތިބި ސިވިލް ސަރވިސްގެ މުވައްޒަފުން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ މުވައްޒަފުން ކަމުގައި ހަމަޖެހިގެންދާނެކަމުގައި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ހަމަ އެއާއެކު، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި ފައިސާއާއި ވަސީލަތްތަކާއި، ދައުލަތުގެ ބަޖެޓުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް އެކަށައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފައިސާއާއި، ޤާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ އޮތޯރިޓީއަށް ލިބިދޭ ޙައްޤުތަކާއި މަންފާތައް، އަދި އެ އޮތޯރިޓީން އަދާކުރަންޖެހޭ އެންމެހައި އިލްތިޒާމުތައް، ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.