ކައުންސިލްތަކުން ޒިންމާވާ ގޮތަށް ލޯން ނެގޭނެ ގޮތަށް ގާނޫނަށް ގެނެސްފައިވާ އިސްލާހު ތަސްދީގު ކޮށްފިއެވެ.
ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރެއްވިއިރު، މި ޤާނޫނަށް ގެނައި އިޞްލާޙްތަކުގެ ތެރޭގައި ހުއްދައޮތް ލޯނަކަށް މެނުވީ ދައުލަތުގެ ފައިސާ ދޫނުކުރުމުގައި އަމަލުކުރަންވީ އުސޫލަށް އިސްލާހު ގެނެސްފައިވެއެވެ.
އަދި ކައުންސިލްތަކުން ދަރަންޏަށް ނަގާ ފައިސާ ނެގުމުގެ ހަމަތަކާއި އެކަމުގައި އަމަލުކުރުމުގެ އުސޫލުތައް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ. ހަމަ އެއާއެކު ކައުންސިލުގެ މުދާ ހުއްދަކުރެވިގެން ވިއްކުމާއި އެއާމެދު އަމަލުކުރުމުގެ ހަމަތަކާއި، ކައުންސިލުތަކުން އަމިއްލަ ޖަމިއްޔާތަކަށާއި ޖަމާއަތްތަކަށް ދޭ އެހީ ދެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުގައި، ވަކި ކައުންސިލަކަށް އެ އަހަރަކަށް ލިބޭ އާމްދަނީއިން ހަރަދުތައް ކަނޑައި ބާކީ ހުންނަ ފައިސާ، އެއްބަސްވާ ގޮތެއްގެމަތިން އެހެން ކައުންސިލަކަށް ލޯނުގެ ގޮތުގައި ދޫކުރެވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މި ގޮތަށް ދޫކުރާ ފައިސާ އަނބުރާ ނުދައްކާނަމަ އެފަރާތަކަށް ސަރުކާރުން ދޭ ފައިސާއިން އުނިކޮށް، އެ ފައިސާ އަނެއް ކައުންސިލަށް ދޫކުރުމުގެ ބާރު ސަރުކާރަށް ލިބިގެންދާނެކަމުގައިވެސް ބަޔާންކޮށްފައިވެއެވެ. ހަމަ އެއާއެކު، މި ގޮތަށް ލޯނު ދޫކުރާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތަކާއި، ލޯނާގުޅޭ އެންމެހައި މަޢުލޫމާތު މިނިސްޓްރީއާ ޙިއްޞާކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުމަށް މި ޤާނޫނުގައި ކަނޑައަޅުއްވައިފައިވެއެވެ.
މީގެ އިތުރުންވެސް މި ބިލުގައި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ވަރަށް މުހިންމު އިސްލާހުތަކެއް ގެނެސްފައިވެއެވެ. އަދި މި ޤާނޫނަށް ގެނެވޭ އިޞްލާޙުތަކާ ގުޅިގެން ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނެސް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި އެ ޤަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމުގައި ބަޔާންކޮށްފައިވެއެވެ.