Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ރައީސް ސޯލިހް، ތިން ބިލެއް ތަސްދީގު ކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތިން ބިލެއް ތަސްދީގު ކުރައްވައިފިއެވެ.

ރައީސް ސޯލިހް ތަސްދީގު ކުރައްވާފައިވަނީ ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނު، އެއްގަމު ދަތުރުފަތުރުގެ ޤާނޫނު އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކެވެ.

މިގޮތުން ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނަށް ގެނެސްފައިވާ އިސްލާހުގައި ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ ފަހަތަށް 1-5 ގެ ގޮތުގައި މާއްދާއެއް އިތުރުކޮށް މި ޤާނޫނުގެ ދަށުން މިނިސްޓްރީން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ ތެރެއިން، މިނިސްޓްރީން ކަނޑައަޅާ ޚިދުމަތްތައް، ކަމާގުޅޭ ޤަވާޢިދާ އެއްގޮތަށް އަތޮޅު ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ފޯރުކޮށްދޭނީ، އެ އަތޮޅެއް ނުވަތަ އެ ރަށެއް ނުވަތަ އެ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުންކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިކަމާއި ގުޅިގެން މިނިސްޓްރީއާއި ކަމާގުޅޭ އިދާރާތަކުން ކައުންސިލުތަކަށް ބޭނުންވާ ފައިސާއާއި ވަސީލަތްތަކާއި އެހީތެރިކަން ފޯރުކޮށްދިނުމާއި މިކަންކަން ކުރިޔަށްގެންދާނެ ގޮތްތަކާއި އުސޫލުތައް މިކަމަށް ހަދާ ޤަވާއިދުގައި ހިމެނުމަށް މި އިސްލާހުގައި ބަޔާންކޮށްފައި ވެއެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހުގައި ޤާނޫނުގެ 49 ވަނަ މާއްދާ ފަހަތަށް 1-49 ގެ ގޮތުގައި މާއްދާއެއް އިތުރުކޮށް މި ޤާނޫނުގެ ދަށުން މިނިސްޓްރީން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ ތެރެއިން، މިނިސްޓްރީން ކަނޑައަޅާ ޚިދުމަތްތައް، ކަމާގުޅޭ ޤަވާޢިދާ އެއްގޮތަށް އަތޮޅު ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ފޯރުކޮށްދޭނީ، އެ އަތޮޅެއް ނުވަތަ އެ ރަށެއް ނުވަތަ އެ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުންކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިކަމާއި ގުޅިގެން މިނިސްޓްރީއާއި ކަމާގުޅޭ އިދާރާތަކުން ކައުންސިލުތަކަށް ބޭނުންވާ ފައިސާއާއި ވަސީލަތްތަކާއި އެހީތެރިކަން ފޯރުކޮށްދިނުމާއި މިކަންކަން ކުރިޔަށްގެންދާނެ ގޮތްތަކާއި އުސޫލުތައް މިކަމަށް ހަދާ ޤަވާއިދުގައި ހިމެނުމަށް މި އިސްލާހުގައި ބަޔާންކޮށްފައި ވެއެވެ. މީގެ އިތުރުން މި އިސްލާހުގައި "ރަށު ކައުންސިލު"، "ސިޓީ ކައުންސިލު" އަދި "އަތޮޅު ކައުންސިލު" މާނަކުރާގޮތް ހިމަނާފައިވެއެވެ.

މީގެއިތުރުން ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ގެނެސްފައިވާ އިސްލާހުގައި، އެކި ބޭނުންތަކަށާއި ކަންކަމަށް އެކަށައަޅާ ބިންތައް، ކަމާބެހޭ މިނިސްޓްރީތަކާއި، ދައުލަތުގެ އިދާރާތަކާ ޙަވާލުކުރާނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު އާ އެއްގޮތްވާ ގޮތުގެމަތިންކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ޤާނޫނުގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތިން ބިން ޙަވާލުކުރެވޭ މިނިސްޓްރީތަކާއި ދައުލަތުގެ އިދާރާތަކުން، ބިން ދޫކޮށް، ކުއްޔަށްދީ، ބިމާބެހޭ އެހެނިހެން މުޢާމަލާތުކުރަންވާނީ، މި ޤާނޫނާއި، އެކި ބޭނުންތަކަށާއި ކަންކަމަށް އެކަށައަޅާ ބިންބިމާ ބެހޭގޮތުން ޢަމަލުކުރެވޭ ޤާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންކަމުގައިވެސް ބަޔާންކޮށްފައިވެއެވެ.