Last Updated: April 25, 11:25
Thursday, April 25, 2024
ކުޅިވަރު

އަލުން ގުރު ނެގުމުން ޕީއެސްޖީ އާއި ރެއާލް ބައްދަލުކުރަން ޖެހިއްޖެ

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ގުރުއަތުލުން އަލުން ބޭއްވުމުން ޕީއެސްޖީ އާއި ރެއާލް މެޑްރިޑް ބައްދަލުކުރަން ޖެހިއްޖެ އެވެ.

ޔޫއެފާ އިން ފުރަތަމަ ނެގި ގުރު ބާތިލުކުރަން ނިންމީ ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން ގޯސްތަކެއް ހެދިފައިވާތީ އެވެ.

އެގޮތުން ދެވަނަ ފަހަރަށް ނެގި ގުރުއަތުލުމުން އެންމެ ފާހަގަކޮށްލެވެނީ ޕީއެސްޖީ އާއި ރެއާލް ބައްދަލުކުރަން ޖެހުމެވެ. މިއީ ރެއާލް ދޫކޮށްލިފަހުން މިހާރު ޕީއެސްޖީ އަށް ކުޅެމުން އަންނަ ސާޖިއޯ ރާމޯސް އޭނާގެ ކުރީގެ ކްލަބާއި ދެކޮޅަށް ނިކުންނަ ފުރަތަމަ ފަހަރަށް ވާނެ އެވެ. ރާމޯސް އަކީ ރެއާލްގެ ކުރީގެ ކެޕްޓަނެވެ.

ޕީއެސްޖީ ރެއާލް އެންމެފަހުން ޗެމްޕިއަންސް ލީގުގައި ބައްދަލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގަ އެވެ. އެފަހަރު ކުޅުނު ފުރަތަމަ މެޗުން 3-0 އިން ޕީއެސްޖީ މޮޅުވިއިރު ދެވަނަ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

މުބާރާތުގެ ދެވަނަ ބުރުގެ އެހެން މެޗުތަކަށް ބަލާއިރު އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ޗެލްސީ ބައްދަލުކުރަން ޖެހުނީ ފްރާންސްގެ ލިލްއާއެވެ. ލިވަޕޫލް އާއި އިންޓަމިލާން ބައްދަލުކުރަން ޖެހުނުއިރު، މެންޗެސްޓަރ ޔުނައިޓެޑް ނިކުންނާނީ އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. ބަޔާން މިއުނިކުން ސަލްޒްބާގްއާ ދެކޮޅަށް ނިކުންނައިރު، ޔުވެންޓަސް ބައްދަލުކުރާނީ ވިޔަރެއާލްއާއެވެ.

މެންޗެސްޓަރ ސިޓީން ސްޕޯޓިން ލިސްބަން އާއި ބައްދަލުކުރާއިރު، ބެންފީކާ ނިކުންނާނީ އަޔެކްސްއާ ދެކޮޅަށެވެ.

މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ ފެބްރުއަރީ މަހުގެ 15، 16، 22 އަދި 23 ވަނަ ދުވަހު އެވެ. ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ މާޗު މަހުގެ 8، 9، 15 އަދި 16 ގައެވެ.