Last Updated: April 25, 09:10
Thursday, April 25, 2024
ކުޅިވަރު

އޮބާމަޔަން އަތުން އާސެނަލްގެ ކެޕްޓަން ބޭންޑް ނަގައިފި

ޑިސިޕްލިނަރީ މައްސަލަތަކެއްގެ ސަބަބުން އާސެނަލްގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަން އަތުން ކެޕްޓަން ބޭންޑް ނަގައިފި އެވެ.

ޑިސިޕްލިނަރީ މައްސަލައަކާ ގުޅިގެން އާސެނަލް އިން އެންމެފަހުން ޕްރިމިއާ ލީގުގައި ސައުތްހެމްޓަން އަތުން 3-0 އިން މޮޅުވި މެޗުގައި އޮމާބަޔަން ޓީމަށް ވެސް ނަގާފައެއް ނުވެ އެވެ. ޑިސިޕްލިނަރީ މައްސަލައެއްގައި މިދިޔަ މާޗު މަހު ވެސް އޭނާ އާސެނަލްގެ ސްކޮޑުން ބޭރުކޮށްފައިވެ އެވެ.

އާސެނަލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޮބާމަޔަން އަތުން ކެޕްޓަންކަން ނެގުމަށް ނިންމާފައިވާ ކަމަށާއި ކްލަބުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކަށް ހުރިހާ ކުޅުންތެރިން އަދި ވަކިން ހާއްސަކޮށް ކްލަބުގެ ކެޕްޓަން އަމަލުކުރަންޖެހޭނެ ކަމަށެވެ.

މީގެއިތުރުން މާދަމާ ރޭ ލީގުގައި ވެސްޓްހަމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗަށް ނެގުމަށް ނިންމާފައިވާ ސްކޮޑުން ވެސް އޮބާމަޔަން އަށް ޖާގަނުދޭން އާސެނަލް އިން ވަނީ ނިންމާފަ އެވެ.

މިދިޔަ އަހަރު އާސެނަލް އާއެކު ތިން އަހަރުގެ އެއްބަސްވުމެއްގެ ސޮއިކުރި އޮބާމަޔަން އަށް އެ ކްލަބުގެ ކެޕްޓަންކަން ދިނީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ.

މި ސީޒަނުގައި ލީގުގައި ކުޅުނު 14 މެޗުގެ ތެރެއިން އޮބާމަޔަން އަށް ކާމިޔާބު ކުރެވުނީ ހަތަރު ގޯލު ކަމަށްވާއިރު އޮކްޓޫބަރު 22 ވަނަ ދުވަހަށްފަހު އޭނާ އަށް އަދި ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.