Last Updated: March 29, 06:12
Friday, March 29, 2024
ކުޅިވަރު

ލީޑްސް ކޮޅަށް ސިޓީން ހަތް ލަނޑު ޖަހައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލީޑްސް ޔުނައިޓެޑްގެ މައްޗަށް 7-0 އިން މެންޗެސްޓަރ ސިޓީން ކުރި ހޯދައިފި އެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ސިޓީ މިހާރު އޮތީ 41 ޕޮއިންޓާ އެކުއެވެ. އެ އަދަދަށް ސިޓީން ޕޮއިންޓު ހޯދާފައިވަނީ ދެވަނައިގައި އޮތް ލިވަޕޫލަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. ރޭ ސިޓީ އަތުން ބަލިވި ލީޑްސް އޮތީ 16 ޕޮއިންޓާ އެކު ލީގުގެ 16 ވަނައިގައެވެ.

ސިޓީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ސިޓީން ވަނީ ތިން ގޯލު ކާމިޔާބުކޮށްފަ އެވެ. އެ ތިން ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ފިލް ފޮޑެން އާއި ޖެކް ގްރީލިޝްގެ އިތުރުން ކެޑިން ޑި ބްރޭނާ އެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު ރިޔާދް މަހްރޭޒް ވަނީ ސިޓީގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ސިޓީގެ ފަސްވަނަ ގޯލު މެޗުގެ 62 ވަނަ މިނެޓްގައި ޑި ބްރޭނާ ކާމިޔާބުކޮށްދިންއިރު އެޓީމުގެ އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ ދެ ޑިފެންޑަރުން ކަމަށްވާ ޖޯން ސްޓޯންސް އާއި އަކޭ އެވެ.

މިއީ ޕްރިމިއާ ލީގުގައި ސިޓީން ދެވަނަ އަށް ހޯދި އެންމެ ބޮޑު މޮޅެވެ. ސިޓީން ލީގުގައި މިހާތަނަށް އެންމެ ބޮޑު މޮޅެއް ހޯދީ 2019 ވަނަ އަހަރު ވޮޓްފޯޑް ކޮޅަށް 8 ގޯލު ޖަހައިގެންނެވެ.