ހއ. ހޯރަފުށީގައި އެމަނިކުފާނުގެ ވެރިކަމުގައި އައިސްޕްލާންޓް ގާއިމު ކުރިކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން 'ކޮތަރުކޮށި" ޖަލްސާގައި ދެއްކެވި ވާހަކަ ހޯރަފުށީ ކައުންސިލުން ދޮގުކޮށްފިއެވެ.
ހޯރަފުށި ކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޑިސެމްބަރު 10 ވަނަ ދުވަހުގެ ރޭ ބޭއްވި "ކޮތަރުކޮށި" ޖަލްސާގައި ރައީސް ޔާމީން، އެމަނިކުފަނުގެ ވެރިކަމުގައި ހޯރަފުށީގައި އައިސްޕްލާންޓް ގާއިމުކޮށްފައި ހުންނާނެ ކަމުގައި ވިދާޅުވި ވިދާޅުވުމަކީ "ކަނޑައެޅިގެން ހެއްދެވި އިތުރުފުޅެއް" ކަމަށެވެ.
ހޯރަފުށީ ކައުންސިލުން ބުނެފައިވަނީ އެ ރަށުގައި ގާއިމުކޮށްފައިވާ އައިސްޕްލާންޓަކީ ޗަންޕާ ޕްރަދާސްގެ ޗެއާމަން މުހައްމަދު މޫސާގެ ދީލަތި އެހީތެރިކަމާއެކު ފިޝަރީޒް މިނިސްޓްރީއާއި މިފްކޯއާއި ހޯރަފުށި ކައުންސިލް ގުޅިގެން ގާއިމުކުރި އައިސްޕްލާންޓެއް ކަމަށެވެ.
"މިފްކޯއާއި ގުޅިގެން ހޯރަފުށި ކައުންސިލުން މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގެ ފުރުސަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކަރުން ފަހުކޮށްދެއްވީތީ ރައީސް ސޯލިހުއަށް އިހްލާސްތެރިކަމާއެކު ޝުކުރު އަރިސްކުރަމެވެ." ހޯރަފުށީ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން، ރައްޔިތުންނަށް އޮޅޭގޮތަށް މިފަދަ ވާހަކަ ދެއްކުމަކީ އެ ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއްކަމަށްވެސް ހޯރަފުށީ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
"ކޮތަރުކޮށި" ޖަލްސާގައި ތަފާސްހިސާބަށް ބިނާކޮށް ވާހަކަ ދައްކަވާނެ ކަމަށް ވިދާޅުވެ ރައިސް ޔާމީން ވިދާޅުވީ، މަސްވެރިން އެންމެ ބޭނުންވާ ކަމަކީ އެމީހުން ބާނާ މަސް ރަނގަޅު އަގެއްގައި ކިރުން ކަމަށާއި، އަދި އެމީހުން ބާނާ މަސް ތާޒާކަންމަތީގަައި ބެހެއްޓޭނެ ގޮތަށް އައިސް ލިބުން ކަމަށެވެ.
އެމަނިކުފާނުގެ ވެރިކަން ނިންމާލުމަށްފަހު ފޭބިއިރު ދެކުނުގެ ހުރިހާ އައިސްޕްލާންޓްތަކެއް މަރާމާތުކޮށްފައި ހުންނާނެކަމަށް ޔާމީން ވިދާޅުވިއެވެ. މިސަރުކާރަށް މުޅިން އަލަން އައިސްޕްލާންޓް އެޅިފައި އޮތީ އެންމެ ދެރަށެއްގައި ކަމަށާއި، އެއީ ކ. ގާފަރު އަދި ރ. މަޑުއްވަރި ގައި ކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް ހޯރަފުށި، ފެލިވަރަކީ އައިސްޕްލާންޓް ހުރިތަންތަން ކަމަށާއި އެ ދެރަށުގަ އައިސްޕްލާންޓް އަޕްގްރޭޑް ކޮށްފަވަނީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.