އަނިޔާވެރިކޮށް މަރާލާފައި އޮއްވައި އދ. ދަނގެތީގެ ފަޅު ގެއެއްގައި ހުރި ވަޅެއްގެ ތެރެއިން ފެނުނު މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ހުރި ޝާ އަލޮމް މިއާ (ސާލިމް)ގެ މައްޗަށް ދައުވާކޮށްފިއެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ، 2021 އޮކްޓޯބަރު 14 ވަނަ ދުވަހު އދ. ދަނގެތީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކު މަރާލުމަށްފަހު އދ. ދަނގެތީ ފަޅުގޯއްޗެއްގެ ފެންވަޅަށް ވައްޓާލާފައި އޮއްވާ ފެނުނު މައްސަލައިގައި ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާގެ މައްޗަށް ދައުވާކުރުމަށް 14 ޑިސެންބަރު 2021 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.
މަހުމޫދްގެ މަރުގެ މައްސަލައިގައި ބިދޭސީ މީހާގެ މައްޗަށް އުފުލާފައިވަނީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ޤަޞްދުގައި މީހަކު މެރުމުގެ ދައުވާ އާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 623 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާއެވެ.
މަހުމޫދްގެ މަރުގެ މައްސަލައިގައި ފުލުހުން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ، މަހުމޫދު މަރާލުމުގައި ދެ ތިން ތޫނު ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށާއި މަހުމޫދުގެ ހަށިގަނޑު އެކި ތަންތަނަށް އެކި މިންވަރުގެ 30 އަށް ވުރެ ގިނަ ހަމަލާ ދީފައިވާ ކަމަށެވެ. އޭގެތެރެއިން ވެސް މަހުމޫދުގެ ބޮލުން މައިގަނޑު ތިން އަނިޔާއެއް ފާހަގަކުރެވޭ ކަމަށް ފުލުހުން ބުނެއެވެ.
މީގެއިތުރުން ސާލިމް މިކަން ކޮށްފައިވަނީ ފައިސާގެ ބޭނުމަށް ކަމަށާއި މި ކުށުގެ އިތުރުން އެ ރަށުގައި ހިނގި ވައްކަމެއްގައި ވެސް އޭނާގެ ބައިވެރިވުން އޮތްކަން މިހާރު ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މަހްމޫދު މަރާލި އިރު އޭނާ އަތުގައި ހުރި ކަމަށް ބެލެވޭ ދިހަ ވަރަކަށް ހާސް ރުފިޔާ ސާލިމް އުޅުނު ގޭތެރެއިން ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.