"ވޭސްޓް ޓު އެނަރޖީ" މަޝްރޫއަކީ ކުނި ނައްތައިލުމާއި، ތިމާވެށި ރައްކާތެރިކުރުމާ ގުޅޭގޮތުން ރާއްޖޭގައި ފަށާ އެންމެ ބޮޑު މަޝްރޫއު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ، "ގްރޭޓަރ މާލެ ވޭސްޓް ޓު އެނަރޖީ ޕްރޮޖެކްޓް" އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ތިލަފުށީގައިވެސް އަދި ރަށްރަށުގައިވެސް ކުނި އެންދުމުގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުމަކަށް އޭރު މާބޮޑަކަށް ބެލިފައެއް ނެތްކަމަށެވެ.
"ރައްޔިތުންގެ ޞިއްޙަތަށް ލިބޭ ގެއްލުމަކަށްވެސް އޭރަކު ނުބެލޭ. ހުޅަނގު މޫސުން ލައިގެންފިއްޔާ، މާލޭގެ ހުޅަނގު ފަރާތުގައި ދިރިއުޅޭ މީހުންނަށް، ނުބައި ވަހާއި، ދުމުގެ އުނދަގޫ އިންތިހާއަށް ކުރިމަތިވޭ. ވިލިމާލޭ ރައްޔިތުން އުފުލަންޖެހޭ ތަކުލީފު އަދި މާބޮޑު."
މީގެކުރިން ރަށްރަށުން ތިލަފުއްޓަށް ކުނި ގެނައުމުގައިވެސް އަމަލުކޮށްފައިވަނީ އެންމެ ރައްކާތެރި ގޮތްތަކަށް ނޫންކަމަށާއި، އެކަމުގެ ސަބަބުން ނުރައްކާތެރި ބާވަތްތަކުގެ ވަރަށް ގިނަ ކުނި ކަނޑަށް އެޅޭގޮތްވެސް އޭރު މެދުވެރިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ މިއަދު ތިލަފުށި އެއޮތީ، މީގެކުރިން އެ ތަނުން ލިބުނު އުނދަގޫތައް މިހާރު ނުލިބޭނެ ގޮތަށް އިންތިޒާމު ކުރެވިފައި ކަމަށާއި މިހާރު ތިލަފުށިން ދުން ނާރާނެ ކަމަށެވެ.
ސަރުކާރުގެ ސިޔާސަތަކީ، ހަމައެކަނި ކުނި މެނޭޖްކޮށްގެން، ތިމާވެށި ރައްކާތެރިކުރުމެއް ނޫންކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ ތިމާވެށްޓަށް ގެއްލުންދޭ ބާވަތުގެ ކުނި މަދުކުރުމަކީވެސް، ތިމާވެށި ރައްކާތެރި ކުރުމުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ. އެގޮތުން އެއްފަހަރު ބޭނުންކުރާ ޒާތުގެ ޕްލާސްޓިކް، ރާއްޖޭގައި މަނާކުރުމުގެ ސިޔާސަތު، މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ތަންފީޒު ކުރަން ފަށާފައިވާކަމަށް ވިދާޅުވިއެވެ.
"ރައްކާތެރިކަމާއެކު ކުނި މެނޭޖް ކުރުމަކީ، ސަރުކާރުން ވަރަށް ބޮޑަށް އިސްކަން ދޭ ކަމެއް. މިއަދު މި އިފްތިތާޙް ކުރާ "ވޭސްޓް ޓު އެނަރޖީ" މަޝްރޫޢަކީ، މާލެއަތޮޅާއި، އަރިއަތޮޅާއި ވާވު އަތޮޅުގެ ހުރިހާ ރަށްރަށާއި، ރިޒޯޓުތަކުގައި އުފެދޭ ކުނި، ރައްކާތެރި ގޮތުގައި ނައްތައިލުމަށް ފަށާ، ވަރަށް މުހިންމު މަޝްރޫޢެއް. މިއީ ކުނި ނައްތައިލުމާއި، ތިމާވެށި ރައްކާތެރިކުރުމާ ގުޅޭގޮތުން ރާއްޖޭގައި ފަށާ އެންމެ ބޮޑު މަޝްރޫޢު."
މި މަޝްރޫއުގެ ޖުމްލަ އަގަކީ 304 މިލިއަން ޑޮލަރުކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ، މި މަޝްރޫއުގެ ދަށުން ތިލަފުށީގައި ޤާއިމުކުރާ ޒަމާނީ ވަސީލަތްތަކުން ކުނި ނައްތައިލާއިރު، ކުނީގެ މާނައިގައި ހިމެނިގެން، އެއްލައިލަންޖެހޭ މާބޮޑު އެއްޗެއް ނޯންނާނެ ކަމަށެވެ.
"ކިތަންމެ ގަދަ ހޫނެއްގައި ކުނި އެންދިޔަސް، އެ މެޝިނުން ދުމެއް، ވިހައެއް އަދި ވަހެއްވެސް ބޭރެއްނުވާނެ. މި މަޝްރޫޢުގެ ނަމުން ދޭހަކޮށްދޭ ގޮތަށް، މި މަޝްރޫޢުގެ ދަށުން ކުނިތައް ނެތިގެންދާއިރު، އޭގެ ބަދަލުގައި މި އުފެދެނީ ހަކަތަ. އާދެ، ކުނި އަންދައިގެން ކަރަންޓް އުފެއްދުމަކީ، އިޢާދަކުރަނިވި ހަކަތަ އިތުރުކުރުމަށް، ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް"
ރައީސް ސޯލިހް ވިދާޅުވީ ކުނި މެނޭޖްކޮށް، ތިމާވެށި ރައްކާތެރި ކުރުމަކީ، ހަމައެކަނި މާލެ ސަރަޙައްދަށް އަމާޒު ހިފާފައިވާ ސިޔާސަތެއްވެސް ނޫން ކަމަށާއި، މިއީ ރާއްޖޭގެ ހުރިހާ ރަށްތަކާއި، ރިޒޯޓުތަކާއި، ގެސްޓްހައުސްތަކުގައި އުފެދޭ ކުނިވެސް، ރައްކާތެރިގޮތުގައި ނައްތާލައިގެން، ތިމާވެށި އަލުން ދިރުވައި އާލާކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތެއް ކަމަށެވެ.