ރާއްޖެއިން ކޮވިޑް-19 ގެ އާ ވޭރިއެންޓް އޮމިކްރޯންގެ އިތުރު ހަތަރު ކޭސް ފެނިއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އޮމިކްރޯން އަށް ޕޮޒިޓިވް އިތުރު ހަތަރު ކޭސް ފެނިފައިވާކަމަށެވެ.
މި ކޭސްތައް ފެނިފައިވަނީ ރާއްޖޭން ބޭރުން އައި މީހުންގެ ފަރާތުން ކަމަށެވެ. އަދި އޮމިކްރޯން މިހާރު ފެތުރެމުންދާ ގައުމުތަކުގެ ޓްރެވަލް ހިސްޓަރީ އެމީހުންގެ އޮތް ކަމަށެވެ. އެ މީހުންގެ ގައިން އޮމިކްރޯން ފެނުނީ، ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ފުރުމުގެ ކުރިން ނެގި ސާމްޕަލްތަކުން ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ އޮމިކްރޯންއަކީ އެކަކު ގައިން އަނެކަކު ގަޔަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑު ވޭރިއެންޓެއް ކަމަށެވެ.
"މީގެ އިތުރުން ވެކްސިން އިމިއުން އެސްކޭޕްގެ ކެޕޭސިޓީ ހުރި ކަމަށް ފެންނަނީ މިހާރު ލިބިފައި ހުރި މައުލޫމާތުން. އެހެންނަމަވެސް އެއީ ދެވިފައިވާ ޕްރައިމަރީ ވެކްސިން ދެ ޑޯޒަށް އިމިއުން އެސްކޭޕް ހުރިކަމަށް ފެންނަނީ. އެހެން ނަމަވެސް، ބޫސްޓާ ޑޯޒު ޖެހުމަށް ފަހުގަ އެކަމުން ލިބޭ ރައްކާތެރިކަން އިތުރުވެ ރައްކާތެރިވޭ" ޑރ. އަފްޒަލް ވިދާޅުވިއެވެ.
ރާއްޖެއިން އޮމިކްރޯންއަށް މީހަކު އެންމެ ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ މިމަހު ފަސް ވަނަ ދުވަހުއެވެ. މިއާއެކު ރާއްޖެއިން މި ވޭރިއެންޓަށް ޖުމުލަ 5 މީހުން ވަނީ ޕޮޒިޓީވް ވެފައެވެ.