އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރުމަށް ދައުރުން ބޭރުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާ މާދަމާއަށް ތާވަލުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ޚާއްސަ ޖަލްސާ ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:00 އަށެވެ.
އެ ޖަލްސާގައި އެޖެންޑާ ކޮށްފައިވަނީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަމެއްގެ ގޮތުން، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ހަތަރު މެމްބަރުން މަގާމުން ވަކިކުރުމައް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފޮނުވި މައްސަލަ، މަޖިލީހުގައި އިއުލާނު ކުރުމެވެ.
އޭސީސީގެ މެމްބަރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފައިވަނީ ޑިސެމްބަރު 9 ވަނަ ދުވަހުއެވެ.
އޭސީސީގެ މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ މަރިޔަމް ޝިއުނާ، ފާތުމަތު އަނޫލާ، އިބްރާހިމް ޝަކީލް އަދި އައިޝަތު އަބްދުﷲއެވެ. ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަލީ އަޝްރަފް ވަނީ މިދިޔަ ހަފްތާގައި މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މީގެކުރިން ވަނީ ކޮމިޝަންގައި ތިއްބެވި ފަސް މެމްބަރުންގެ މަސައްކަތާ ގުޅޭ އޮޑިޓެއް ހެދުމަށްފަހު، އެކަށީގެންވާ މަސައްކަތް ނުކުރާ މެމްބަރުން މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.
އޭސީސީގެ މައްސަލަތައް ލަސްވާ މައްސަލައިގައި އެ ކޮމިޝަނަށް އެކި ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެއެވެ.