Last Updated: July 20, 18:00
Monday, July 20, 2026
ކުޅިވަރު

އަގުއޭރޯ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

ހިތުގެ މައްސަލަތަކާ ގުޅިގެން ބާސެލޯނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމިކަން މިއަދު އިއުލާންކޮށްފި އެވެ.

އުމުރުން 33 އަހަރުގެ އަގުއޭރޯ ސްޕެނިޝް ލީގުގެ މެޗެއްގައި ބާސެލޯނާގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނީ އޮކްޓޫބަރު 30 ވަނަ ދުވަހު އަލަވޭސްއާ ދެކޮޅަށެވެ. އެ މެޗުގެ 41 ވަނަ މިނިޓްގައި އަގުއޭރޯ އަށް ނޭވާލާން އުނދަގޫވެގެން ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު ބަދަލުކުރިއިރު ފަހުން ވަނީ ހިތުގެ ޓެސްޓުތަކެއް ހަދަން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަގުއޭރޯ ބުނީ ޑޮކްޓަރުން އޭނާ އަށް ލަފާދިނީ އެންމެ ރަނގަޅު ވާނީ ކުޅުން ހުއްޓާލުން ކަމަށާއި މިއީ މިހާތަނަށް ހަޔާތުގައި ނިންމި އެންމެ އުނދަގޫ ނިންމުން ކަމަށެވެ. އަދި މިއީ އޭނާ އަށް އެންމެ ރަނގަޅު ނިންމުން ކަމަށް ގަބޫލުކުރާ ކަމަށާއި ކެރިއަރާއި މެދު ފަހުރުވެރިވާ ކަމަށް ވެސް އާޖެންޓީނާ އަށް އުފަން ފޯވާޑް ބުންޏެވެ.

މީގެކުރިން އެތްލެޓިކޯ މެޑްރިޑާއި، މެންޗެސްޓަރ ސިޓީ އަށް ވެސް ކުޅުނު އަގުއެރޯ އޭނާގެ ކެރިއަރު ނިންމާލީ 786 މެޗު ކުޅެދީ 427 ގޯލު ކާމިޔާބު ކުރުމަށްފަހު އެވެ.

އަގުއެރޯ އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރީ ސިޓީގަ އެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބާއެކު ޕްރިމިއާ ލީގު ފަސް ފަހަރު، އިނގިރޭސި ލީގު ކަޕް ހަ ފަހަރު އަދި އެފްއޭކަޕެއް ކާމިޔާބުކޮށްފަ އެވެ. އަގުއެރޯ ސިޓީ ދޫކޮށްލިއިރު އޭނާ އަކީ އެ ކްލަބަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާ އެވެ. އެގޮތުން އަގުއެރޯ ވަނީ ސިޓީ އަށް ކުޅެދިން 390 މެޗުގައި 260 ގޯލު ކާމިޔާބުކޮށްދީފަ އެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި އަގުއެރޯ ބާސާ އަށް ބަދަލުވި ނަމަވެސް އަނިޔާގެ ތަފާތު އެކި މައްސަލަތަކާ ގުޅިގެން އޭނާ އަށް އެ ކްލަބަށް ކުޅެދީފައިވަނީ އެންމެ ފަސް މެޗެވެ.

އަގުއެރޯ ވަނީ މިއަހަރުތެރޭ އާޖެންޓީނާއާ އެކު ކޮޕަ އެމެރިކާ ވެސް ކާމިޔާބުކޮށްފަ އެވެ. މިއީ 28 އަހަރުތެރޭ އާޖެންޓީނާ އިން ހޯދި ފުރަތަމަ ތަށްޓެވެ.