Last Updated: April 19, 22:14
Friday, April 19, 2024
ކުޅިވަރު

ވެސްޓްހަމް ބަލިކޮށް އާސެނަލް ހަތަރަކަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވެސްޓްހަމް ޔުނައިޓެޑް 2-0 އިން ބަލިކޮށް އާސެނަލް ލީގުގެ ހަތަރު ވަނައަށް ޖެހިލައިފި އެވެ.

އާސެނަލް ލީގުގެ ހަތަރުވަނައިގައި އޮތީ 29 ޕޮއިންޓާ އެކު އެވެ. ރޭގެ މެޗުން ބަލިވި ވެސްޓްހަމް އޮތީ 28 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގަ އެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހަށްފަހު އާސެނަލް ލީގުގެ ހަތަރުވަނަ އަށް އެރި ފުރަތަމަ ފަހަރެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މި ހާފުގައި އާސެނަލް އިން ވަނީ ނުރައްކާތެރި ހަމަލާތަކެއް ވެސްޓްހަމްގެ ގޯލަށް ފޮނުވާލާފަ އެވެ. އެގޮތުން އާސެނަލްގެ ޑިފެންޑަރު ޓިއެނީ ފޮނުވާލި ހަމަލާ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ވެސްޓްހަމްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ޒަކާ ފޮނުވާލި ހަމަލާ ދިފާއުކުރީ ވެސްޓްހަމްގެ ކެޕްޓަން ޑޯސަން އެވެ. އަދި ލަކަޒެޓް ދުރުން ފޮނުވާލި ހަމަލާއެއް ވެސްޓްހަމްގެ ކީޕަރު ފަބިއާންސްކީ ވެސް ދިފާއުކޮށްފައިވެ އެވެ.

ފުރަތަމަ ހާފްގައި ގޯލެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު މާޓިނެއްލީ ވަނީ އާސެނަލް އަށް ލީޑު ނަގާދީފަ އެވެ. މެޗުގެ 67 ވަނަ މިނެޓްގައި ވެސްޓްހަމްގެ ޑިފެންޑަރު ކޫފަލް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކައި ރެފްރީ ވަނީ އާސެނަލް އަށް ޕެނަލްޓީއެއް ދީފަ އެވެ. މި ޕެނަލްޓީ އާސެނަލް އަށް ދިނީ ލަކަޒެޓް އަށް ކޫފަލް ކުރި ފައުލަކާ ގުޅިގެންނެވެ. ނަމަވެސް ލަކަޒެޓް ފޮނުވާލި ޕެނަލްޓީ ފަބިއާންސް ވަނީ މަތަކޮށްފަ އެވެ.

އާސެނަލް އަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު މެޗުގެ 87 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ކުޅެން އެރި އެމިލް ސަމިލް ރޯވް އެވެ.

ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ ލީޑްސް ޔުނައިޓެޑާ އެވެ. ވެސްޓްހަމް ނިކުންނާނީ ނޯވިޗް ސިޓީއާ ދެކޮޅަށެވެ.