ބައެއް ފޮތްތަކުގައި ހުރި ޤުރުއާނުގެ ބައެއް އާޔަތްތައް އުނިކޮށް ރެފަރެންސް ދިނުމަށް އެންގި ކަމަށާއި، އެހެންނަމަވެސް އެގޮތަށް އެންގި އެންގުން ފަހުން ބާތިލު ކުރިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ޤުރުއާނުގެ އާޔަތްތައް އިސްލާމް ފޮތްތަކުން އުނިކުރަން އުޅޭކަމަށްބުނާ ލިޔުމެއް ސޯޝަލްމީޑިއާގައި ދައުރުވަމުން އަންނައިރު، އެކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، އަލަށް ޗާޕުކޮށްގެން ނެރުނު ބައެއް ފޮތްތަކާއި ކުރީގެ ޗާޕުތަކުގައި ޤުރުއާނުގެ ބައެއް އާޔަތްތަކާއި ކަލިމަތައް ލިޔުމުގައި ކުށްހުރިކަން ފާހަގަކުރެވި، މިކަން ހައްލުކުރުމަށް ކުރުވުނު މަޝްވަރާތަކުގައި ޤުރުއާނުގެ އާޔަތްތައް ފޮތްތަކުގައި ލިޔުމުގެ ބަދަލުގައި ޚަތިމަށް ނުވަތަ އައްމާފޮތަށް ހަވާލާދިނުމަށް މަޝްވަރާ ކުރެވުނުކަމަށެވެ. އަދި މިކަން ބަޔާންކޮށް އެން.އައި.އީ އަށް ސިޓީއެއް ފޮނުވުނު ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ، މިގޮތަށް މަޝްވަރާ ކުރެވުނީ "އެއްވެސް ހާލެއްގައި ދަރިވަރުން ޤުރުއާނަށް ދޭ އަހައްމިއްޔަތުކަން ކުޑަކުރުމުގެ ނިޔަތެއްގައި ނޫން" ކަމަށެވެ. އަދި އެގޮތަށް މަޝްވަރާ ކުރެވުނީ ޤުރުއާން ލިޔާއިރު ޖެހޭ ކުށްތައް ތަކުރާރު ނުވާނެގޮތެއް ހެދުމަށާއި، މި ފޮތްތައް ނައްތާލާއިރު ޤުރުއާންގެ އާޔަތްތަކަށް އިހާނެތިކޮށް ބައެއް ފަހަރު އަމަލުކުރެވޭކަމަށް ބައެއް އިލްމުވެރިން ވިދާޅުވާތީ ކަމަށެވެ.
"ނަމަވެސް އެއީ ރަނގަޅު ކަމެއް ނޫންކަމަށް ވިސްނި އަދި ދަރިވަރުންނަށް ކޮންމެ ފަހަރަކު ޚަތިމަށް ނުވަތަ އައްމާފޮތަށް ބެލުމަކީ ދަތި ކަމަކަށްވާނެ ކަމުން އެ ސިޓީއަށް އަމަލު ނުކުރުމަށް ޖެހިގެން އައި ދުވަހު ވާނީ އެން.އައި.އީ އަށް އަންގާފައެވެ. އަދި ފަހުން ވާނީ ލިޔުމުން ކުރިން ފޮނުވުނު ސިޓީ ބާތިލުވެސް ކޮށްފައެވެ." އެޑިއުކޭޝަން މިނިސްޓީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ، މިހާރު ނިންމާފައިވަނީ އިސްލާމް ފޮތާއި ޤުރުއާން ފޮތްތަކުގައި ހުރި ކުށްތައް އިސްލާހުކޮށް ޕްރޫފް ރީޑިންގ ވަރުގަދަ ކުރުމަށްކަމަށެވެ. އަދި މިފަހަރު ފޮތްތައް ޗާޕުކުރަން ފޮނުވާ އިރު ކުށްތައް އިސްލާހުވެފައިވާކަން ކަށަވަރު ކުރަންވެސް އެން.އައި.އީ އަށް އަންގާފައިވާކަމަށެވެ.
"މި ޚަބަރާ ގުޅިގެން ބެލެނިވެރިންގެ ހިތުގައި އުފެދުނު ނުތަނަވަސްކަމަށްޓަކައި ނިހާޔަތަށް މާފަށް އެދެމެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އަބަދުވެސް މަސައްކަތްކުރަނީ ދަރިވަރުންގެ ހިތްތަކުގައި ދީނީ ރޫހު އާލާކޮށް ދީނީ ލޯބި އަށަގެންނެވުމަށް ކަމުގައި ދަންނަވަމެވެ."