Last Updated: April 20, 10:35
Saturday, April 20, 2024
ޚަބަރު

ވަކިކުރަން ނިންމާފައިވަނިކޮށް އޭސީސީގެ މެމްބަރު ޝަކީލް އިސްތިއުފާ ދެއްވައިފި

ފޮޓޯ: ރައީސް އޮފީސް

މަގާމުން ވަކިކުރަން ނިންމާފައިވަނިކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު އިބްރާހިމް ޝަކީލް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރުމަށް ނިންމާ އެކަން މަޖިލީހުގައި އިއުލާނުކުރުމަށް ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިއަދު ހެނދުނު ރައީސް އޮފީހުން ސިޓީއެއް ލިބިފައިވާ ކަމަށާއި، އެގޮތުން އެ ސިޓީގައި ވާގޮތުން އޭސީސީގެ މެމްބަރު ޝަކީލް މަގާމުން އިސްތިއުފާ ދެއްވާފައިވާކަމަށެވެ.

އެހެންކަމުން މިހާރު މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރަން ޖެހޭނީ ތިން މެމްބަރުންގެއެވެ.

އިބްރާހީމް ޝަކީލް މީގެކުރިން ހުންނެވީ ދިރާގުގެ އިންޓަރނަލް އޮޑިޓަރއެއްގެ ގޮތުގައެވެ. އޭގެ ކުރިން އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓަލިޖެންސް ޔުނިޓުގެ އޮފިސަރ އިންޗާޖުގެ މަޤާމާއި ދިރާގާއި އެމްއެމްއޭގެ އެކި މަޤާމުތަކާއި ޔޫއެންޑީޕީގެ އެކި މަޤާމުތައް ފުރުއްވާފައި ވެއެވެ.

އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިއަދު ބޭއްވި ޖަލްސާގައި ވަނީ، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތިން މެމްބަރުން މަގާމުން ވަކިކުރުމައް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފޮނުވި މައްސަލަ، މަޖިލީހުގައި އިއުލާނު ކޮށްފައެވެ. މައްސަލަ މަޖިލީހުގައި އިއުލާނު ކުރުމުން، ދެން އޮންނާނީ ވަކިކުރުމަށް ނިންމާފައިވާ ފަރާތްތަކަށް ޖަވާބު ދިނުމުގެ ފުރުސަތު ދިނުމަށްފަހު ވަކިކުރުމާ މެދު ގޮތެއް ނިންމުމެވެ.

އޭސީސީގެ މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ މަރިޔަމް ޝިއުނާ، ފާތުމަތު އަނޫލާ، އަދި އައިޝަތު އަބްދުﷲއެވެ. ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަލީ އަޝްރަފް ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.