Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ ތަޅުމުގައި އިއުލާނުކޮށް ކޮމިޓީއަށް ފޮނުވައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިއުލާނުކޮށް، ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރުމަށް ނިންމާ އެކަން މަޖިލީހުގައި އިއުލާނު ކޮށްފައިވެއެވެ. ދައުރުން ބޭރުގައިބޭއްވި މިޖަލްސާގައި އެކަން އިއުލާނު ކޮށްފައިވާއިރު އެ މައްސަލަ ދިރާސާކުރުމަށް ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ތަޅުމުގައި އިއުލާނު ކުރުމުން، ދެން އެ މައްސަލައިގައި ތަޅުމުގައި ބަހުސްކުރުމެއްނެތި، ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވޭނެއެވެ. އެގޮތަށް ދިރާސާކުރާއިރު، ވަކިކުރާ ފަރާތްތަކަށް މައްސަލައިގައި ޖަވާބުދާރީވުމުގެ ފުރުސަތު ދެވޭނެއެވެ. އަދި ކޮމިޓީން މައްސަލަ ނިންމާގޮތުގެ ރިޕޯޓް ކޮމިޓީ މެމްބަރުންނަށް ފޮނުވުމަށްފަހު ތިން ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެ ރިޕޯޓް މަޖިލީހުގެ ތަޅުމަށްގެނެސް ދެ ގަޑިއިރުގެ ބަހުސެއް ކުރުމަށްފަހު އެ މައްސަލައިގައި މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހޭނެއެވެ.

އޭސީސީގެ މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ ތިން ބޭފުޅުންނެވެ. އެއީ މަރިޔަމް ޝިއުނާ، ފާތުމަތު އަނޫލާ، އަދި އައިޝަތު އަބްދުﷲއެވެ. ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަލީ އަޝްރަފް އަދި އިބްރާހިމް ޝަކީލް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.