އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ފާއިތުވި ފަސް އަހަރުގެ ތެރޭގައި ދައުވާ ކުރެވޭ މިންވަރަށް ތަހުގީގު ފުރިހަމަ ކުރެވި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވިނީ ރަޖިސްޓަރީ ކުރެވުނު މައްސަލަތަކުގެ ތެރެއިން އެއް ޕަސެންޓް މައްސަލަ ކަމަށް ޕާރފޯމަންސް އޮޑިޓް ރިޕޯޓްގައި ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އޭސީސީގެ މެމްބަރުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިމައްސަލައިގައި މަޖިލީހުގެ ތަޅުމަށް ފޮނުވި ސިޓީ ހިއްސާކޮށްފައެވެ.
އޭސީސީގެ ޕާރފޯމަންސް އޮޑިޓް ރިޕޯޓާ ހަވާލާދީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ސިޓީގައި ބުނެފައިވަނީ، 1 ޖަނަވަރީ 2015 އިން 31 ޖުލައި 2020 އަށް އޭސީސީގައި ރަޖިސްޓަރީކޮށްފައިވާ 7,113 ޝަކުވާގެ ތެރެއިން 5,476 މައްސަލަ (77%) އެ ތާރީޚުގެ ނިޔަލަށް ތަހުގީގުކޮށް ނިންމާފައިވާއިރު ދައުވާ ކުރެވޭ މިންވަރަށް ތަހުގީގު ފުރިހަމަކުރެވި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ރަޖިސްޓަރީކުރެވުނު މައްސަލަތަކުގެ ތެރެއިން %1 މައްސަލަ ކަމަށެވެ. އަދި %61 ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ ކޭހުގެ ގޮތުގައި ނިންމާފައިވާކަމަށެވެ. އަދި 31 ޖުލައި 2020 ގެ ނިޔަލަށް ނުނިމި ހުރި މައްސަލަތަކުގެ މުއްދަތަށް ބަލާއިރު، ގިނަ އަހަރުތަކެއް ފާއިތުވެފައިވާ މައްސަލަތައް ނުނިމި ހުރިކަންވެސް ފާހަގަކޮށްފައިވެއެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ކޭސް މެނޭޖްމެންޓް ސިސްޓަމް އަޕްޑޭޓް ތަފާސްހިސާބާއި ގުޅޭ ރިޕޯޓުތައް ކޭސް މެނޭޖްމެންޓް ސިސްޓަމުން ތައްޔާރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިނުވުމުގެ ސަބަބުން އޮޑިޓް ރިޕޯޓު ހެދުމަށް އޭސީސީން ހޯދި ކޭސްތަކާއި ގުޅޭ ތަފާސްހިސާބާއި ބައެއް މައުލޫމާތު ފުރިހަމަ ނުވާކަމަށެވެ.
އިތުރަށް ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ތަހުގީގު ލަސްވާތީ ތަކުރާރުކޮށް އެކަމާ ސުވާލުކޮށް ތަހުގީގު އަވަސް ކުރުމަށް ކުރެވޭނެ ކަންތައްތަކަކީ ކޮބައިތޯ ސުވާލުކޮށް، އެކަންތައްތައް ފަހިކޮށްދިނުމަށް ކޮމިޓީން މަސައްކަތް ކޮށްފައިވާކަމަށެވެ. އެހެންނަމަވެސް ކޮމިޓީއަށް ހާޒިރުކުރެވޭ ކޮންމެ ފަހަރަކުވެސް އޭސީސީގެ މެމްބަރުން އެ މައްސަލައިގައި ދައުވާ ކުރުމަށް ވަކި އަދަދެއްގެ މައްސަލަ، ވަކި މުއްދަތެއްގެ ތެރޭގައި ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށް ކޮމިޓީގައި ބުނުމަށް ފަހުވެސް އެގޮތަށް އަމަލުކޮށްފައިނުވާކަމަށް ބުނެފައިވެއެވެ.
"ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ކޮމިޝަންގައި ފުނިޖެހި ދައުލަތަށް އެތައް މިލިއަން ރުފިޔާއެއް އަނބުރާ ހޯދަން ދައުވާކުރަން ޖެހިފައި ވީނަމަވެސް، 2021 ވަނަ އަހަރު ކޮމިޝަނުން ދައުލަތަށް އަނބުރާ ނަގާދެވިފައިވަނީ އެންމެ 11،000 ރުފިޔާ ކަމަށް 26 އޮކްޓޫބަރު 2021 ވަނަ ދުވަހު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެ ކޮމިޝަނުން މައުލުމާތު ދީފައިވާކަން. އެހެންކަމުން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތަށް ބަލާއިރު އެކޮމިޝަނުގެ މެމްބަރުންނަށް އެކަށީގެންވާ މިންވަރަށް މައްސޫލިޔަތު އަދާނުކުރެވޭކަން." މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފޮނުވާފައިވާ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން ފާހަގަކޮށްފައިވަނީ މައްސަލަތަކުގެ ތަހުގީގު ނިންމާ ޕީޖީ އޮފީހަށް ފޮނުވުނު ނަމަވެސް ތަހުގީގު ފުރިހަމަ ނުވުމުން ނުވަތަ އެ ނޫންވެސް ސަބަބުތަކާއި ހުރެ ދަައުވާނުކޮށް އަނބުރާ ފޮނުވާލާފައިވާ މައްސަލަތައް ގިނަކަމެވެ.
އެހެންކަމުން އެ ކޮމިޝަންގެ މެމްބަރުން ބަދަލުކޮށްގެން ނޫނީ އެންމެ އެދެވޭ ނަތީޖާއެއް ނެރެވިދާނެކަމަށް ގަބޫލުނުކުރެވޭ ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާހަގަކޮށްފައިވެއެވެ.
އެ ކޮމިޝަންގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމުގައި އިއުލާނުކޮށް، ކޮމިޓީއަށް ދިރާސާކުރުމަށް ފޮނުވާފައިވާއިރު އޭސީސީގެ މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބެވި ތިން މެމްބަރުންނެވެ. އެއީ އެއީ މަރިޔަމް ޝިއުނާ، ފާތުމަތު އަނޫލާ، އަދި އައިޝަތު އަބްދުﷲއެވެ. ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަލީ އަޝްރަފް އަދި އިބްރާހިމް ޝަކީލް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.