ސ. ގަން އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ ރަންވޭ ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮންނަތާ މަސް ދުވަސްވާން އުޅެނިކޮށް މިއަދު އަލުން މަސައްކަތް ފަށައިފި އެވެ.
ބިން ހިއްކަމުން އަންނަ ދުބާއީގެ ގަލްފު ކޮބްލާއަށް ދައްކަން ޖެހޭ ފައިސާ ހަމަ ނުޖެހި އޮތުމުގެ ސަބަބުން އެކުންފުނީގެ މަސައްކަތް ހުއްޓާލާފައިވަނީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. ނަމަވެސް ފަހުން ފައިސާ ހަމަޖައްސާދޭނެކަމުގެ ޔަގީންކަން ދިނުމުން އަލުން ދެވަނަ ފަހަރަށް ޖެނުއަރީ 5 ވަނަ ދުވަހު ފެށުމަށްފަހު އަނެއްކާވެސް އެ ކުންފުނިން ވަނީ ބިން ހިއްކުމުގެ މަސައްކަތް ހުއްޓާލާފައެވެ.
ރޭ ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ބޭއްވި ޕީޕީއެމް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން އެމަޝްރޫއަށް ކޮށްދޭންޖެހޭ އެއްވެސް ކަމެއް މިހާރު ނޯންނާނެކަމަށެވެ. އަދި އެމަސައްކަތް ކުރިއަށް ގެންދަން ޖެހޭނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުނިންކަމަށެވެ. ސަރުކާރުން ކޮށްދޭންޖެހޭ ހުރިހާ މަސައްކަތެއް ކޮށްދީ ނިންމާފައިވާ ކަމަށެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަޝްރޫއާއި ގުޅިގެން ބެންކް އޮފް މޯލްޑިވްސް އިން 8 މިލިއަން ޑޮލަރުގެ ލޯނެއް ހަމަޖެހި ސަރުކާރުން އެކަމަށް ހުށަހަޅަންޖެހޭ ލިޔެކިއުން ނިންމުމަށް ފިނޭންސް މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.
ގަލްފު ކޮބްލާއިން ބިން ހިއްކުން މެދުކަޑާލާފައިވަނީ މަސައްކަތުގެ 55 ޕަސެންޓް ނިމިފައިވަނިކޮށެވެ. ގަން އެއާޕޯޓް ތަރައްގީ ކުރާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުންޏަކީ އެސްޓީއޯ އާއި ގަން އެއާޕޯޓް ކޮމްޕެނީ (ޖީއޭސީއެލް) އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ހިއްސާވާ ކުންފުންޏެކެވެ. މިކުންފުނީގެ 30 ޕަސެންޓް ހިއްސާވަނީ މަޝްހޫރު ވިޔަފާރިވެރިއާ ޗަމްޕާ ހުސެއިން އަފީފް ހިއްސާވާ ކާސާ ހޯލްޑިންއަށް ވިއްކާލާފައެވެ.
އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފެށުނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.