Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

އޭސީސީގެ މެމްބަރުން ޖަވާބުދާރީވާން ފަސް ދުވަހުގެ މުއްދަތެއް

އޭސީސީގެ މެމްބަރުން - ފޮޓޯ: މަޖިލިސް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ޖަވާބުދާރީ ވުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

އޭސީސީގެ މެމްބަރުން ވަކިކުރުމަށް ނިންމާ މަޖިލީހުގެ ތަޅުމުގައި އެކަން އިއުލާނުކޮށް، އެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމުން މިއަދު ވަނީ އެ މައްސަލައިގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުން ބާއްވާފައެވެ.

އެ ކޮމިޓީ ބައްދަލުވުމުގައި ވަނީ އޭސީސީގެ މެމްބަރުންނަށް ޖަވާބުދާރީ ވާން ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފާސްކޮށްފައެވެ. މިގޮތަށް ފާސްކޮށްފައިވަނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންގެ ވޯޓުންނެވެ.

އޭސީސީގެ މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ ތިން ބޭފުޅުންނެވެ. އެއީ މަރިޔަމް ޝިއުނާ، ފާތުމަތު އަނޫލާ، އަދި އައިޝަތު އަބްދުﷲއެވެ. ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަލީ އަޝްރަފް އަދި އިބްރާހިމް ޝަކީލް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.