Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

119 ކިލޯގެ ޑްރަގްސްއާއެކު ހައްޔަރު ކުރީ ތިން މީހުން

119 ކިލޯގެ ޑްރަގްސް އަތުލައިގަތް އޮޕަރޭޝަން-

މިފަހުން މާލެއާއި ހުޅުމާލޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފައިވަނީ ތިން މީހަކު ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާކަަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި ޑިސެމްބަރު މަހުގެ 12 ން 14 އަށް މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ 51 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެއް ކަމަށެވެ. މި އެންމެންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި އޮޕަރޭޝަންތަކުގައި މާލޭގެ ތިން ގެއަކާއި ހުޅުމާލޭގެ ގެއަކާއި ޓެކްސީ އަކާއި ޕްރައިވެޓް ކާރެއް އަދި ތިން ސައިކަލް ބަލައިފާސްކޮށްފައިވެއެވެ. މިގޮތުން ޑިސެމްބަރު 12 ވަނަ ދުވަހު މާލެއިން ޓެކްސީއެއް ހުއްޓުވައި ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށާއި ޑިސެމްބަރު 13 ވަނަ ދުވަހު ސައިކަލެއް ބަލައިފާސްކޮށް، ސައިކަލްގެ މަޑިދަށުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވާއިރު، ޑިސެމްބަރު 14 ވަނަ ދުވަހު މައްސަލައާ ގުޅުންހުރި އިތުރު މީހަކު ހައްޔަރުކޮށް ހުޅުމާލެއިން ކާރެއް ހުއްޓުވައި ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެކާރު ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވެއެވެ. މި އޮޕަރޭޝަނުގައި ޖުމްލަ 119 ކިލޯގެ މަސްތުވާތަކެތި ހޯދައިވެއެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 51 އަހަރުގެ މީހާއާއި 25 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާއިރު، 29 އަހަރު މީހާ ކޯޓަށް ހާޒިރުކުރުމުން ވަނީ އެއް ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި އެމީހާ ދެވަނަ ފަހަރަށް މުއްދަތު އިތުރުކުރުމަށް ހާޒިރުކުރުމުން 14 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. މިމައްސަލަ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.