Last Updated: June 12, 22:51
Friday, June 12, 2026
ވިޔަފާރި

ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުން މި މަސް ނިމުމުގެ ކުރިން ފީ ދައްކަން ޖެހޭނެ: އެމްއެމްއޭ

ރާއްޖޭގައި ބޭރު ފައިސާ ގަނެ ވިއްކުމަށް ލައިސަންސް ނަގާފައިވާ ފަރާތްތަކުން، މި އަހަރަށް ދައްކަން ޖެހޭ ފީ، މި މަސް ނިމުމުގެ ކުރިން ނުދައްކައިފި ނަމަ އެ ފަރާތްތަކުގެ ލައިސަންސް ބާތިލް ކުރެވޭނެ ކަމުގެ އިންޒާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދީފި އެވެ.

އެމްއެމްއޭއިން ބުނީ މާޗް 1، 1987 ގައި އާއްމުކޮށްފައިވާ، މަނިޓަރީ ޤަވައިދުގެ ދަށުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ނަގާފައިވާ ފަރާތްތަކުން 2013 ވަނަ އަހަރު ދައްކަން ޖެހޭ ލައިސަންސް ފީ، މި މަހުގެ 31 ގެ ކުރިން ދައްކަން ޖެހޭނޭ ކަމަށެވެ. އެމްއެމްއޭއިން އަދި ބުނީ 31ގެ ކުރިން ލައިސަންސް ފީ ނުދައްކާ ފަރާތްތަކުގެ ލައިސަންސް ބާތިލްވާނެ ކަމަށެވެ. މުއްދަތު ހަމަވުމަށްފަހު އަލުން އެފަރާތަކަށް ހުއްދަ ދޫކުރެވޭނީ، 500 ރުފިޔާގެ ޖޫރިމަނާއެއް ދެެއްކުމުން ކަމަށް ވެސް މަރުކަޒީ ބޭންކުން ބުންޏެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެ އޮތޯރިޓީން މިހާތަނަށް 415 ފަރާތަކަށް ބޭރު ފައިސާ ގަނެ ވިއްކުމުގެ ލައިސަންސް ދޫކޮށްފައިވެ އެވެ.
އެމްއެމްއޭގެ މަނިޓަރީ ގަވާއިދުގައި ވާގޮތުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ލައިސަންސް ނަގާފައިވާ ފަރާތްތަކުން އަހަރަކު 1،200ރ. ގެ ފީއެއް މަރުކަޒީ ބޭންކް އެމްއެމްއޭ އަށް ދައްކަން ޖެހެ އެވެ.

އެމްއެމްއޭގައި ރަޖިސްޓްރީކޮށްފައިވާ ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ނަގާފައިވާ ފަރާތްތަކުގެ އަދަދަށް ބަލާ އިރު، މި އަހަރު އެފަރާތްތަކުގެ ލައިސަންސް ފީގެ ގޮތުގައި 498،8000ރ. ގެ އާމްދަނީއެއް އެމްއެމްއޭ އަށް ލިބޭނެ އެވެ.