Last Updated: June 21, 17:19
Sunday, June 21, 2026
ޚަބަރު

ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓަށް ވާދަކުރަން ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފި އެވެ.

އެ ދާއިރާގެ މަޖިލީހުގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. ހުސެއިން އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ މި ބައި އިލެކްޝަން ގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެމްބަރުން ފޯމް ފުރިހަމަކޮށް އެފޯމާއި އެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުން ތަކާއިއެކު، 21 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 16:00 ކުރިން [email protected] އަށް އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 3:00 އާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އެވެ.