Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ވެކްސިން ނުޖަހާ ކުޅުންތެރިން ލިވަޕޫލަށް ނުގެންނާނެ: ކްލޮޕް

ކޮވިޑް-19 އިން ދިފާއުވުމުގެ ވެކްސިން ނުޖަހާ ކުޅުންތެރިން ލިވަޕޫލަށް ނުގެންނާނެ ކަމަށް އެ ކްލަބުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ޖެނުއަރީ ޓްރާންސްފާ މާކެޓު ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކްލޮޕް ބުނީ ލިވަޕޫލަށް ކުޅުންތެރިއެއް ގެންނަނަމަ ވެކްސިން ޖެހުން ވަރަށް ބޮޑު ރޯލެއް ކުޅޭނެ ކަމަށާއި ވެކްސިން ނުޖަހާ ކުޅުންތެރިންނަކީ އެހެން ހުރިހާ އެންމެންނަށް ވެސް ހުރި ނުރައްކަލެއް ކަމަށެވެ.

ކޮވިޑާއި ގުޅިގެން އަމަލުކުރަން ހާއްސަ އުސޫލުތަކެއް ހެދިފައިވާއިރު ވެކްސިން ނުޖަހާ ކުޅުންތެރިއަކު ޓީމުގައި ހުރެޖެއްޖެނަމަ އެ އުސޫލުތަކަށް އަމަލުކުރުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށްވެސް ކްލޮޕް ބުންޏެވެ.

"އެފަދަ ކުޅުންތެރިއަކު ބޭނުންކުރަން ޖެހޭނީ ތަފާތު ޑްރެސިން ރޫމެއް. ކާން ހުންނަން ޖެހޭނީ ތަފާތު ރޫމެއްގައި. ދަތުރުކުރަން ޖެހޭނީ ތަފާތު ބަހެއްގައި. އުސޫލުތަކަށް އަމަލުކުރަން ބޭނުންވިޔަސް އެކަން ވާނީ އުނދަގޫ ކަމަކަށް" ކްލޮޕް ބުންޏެވެ.

ވެކްސިން ނުޖަހާ ކުޅުންތެރިން ތިބެން ވަކި ހާއްސަ ތަނެއް އިމާރާތް ނުކުރާނެ ކަމަށާއި އުއްމީދަކީ އެފަދަ ކަމެއް ކުރިމަތިނުވުން ކަމަށްވެސް އޭނާ ބުންޏެވެ.

ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމްއާ ދެކޮޅަށް ލިވަޕޫލް ނިކުންނައިރު، ކޮވިޑާއި ގުޅިގެން ލީގުގެ ގިނަ މެޗުތަކެއް އަންނަނީ ކެންސަލް ކުރަމުންނެވެ. އެގޮތުން އިއްޔެ ލީގުގައި ކުޅުނީ އެންމެ މެޗެކެވެ. އެ މެޗުގައި ލީޑްސް ޔުނައިޓެޑްގެ މައްޗަށް 4-1 އިން އާސެނަލް އިން ވަނީ ކުރި ހޯދާފަ އެވެ.