އިންޑިއާގައި ވެސް ދިވެހި ގިނަ ސިފައިން އެބަތިބި ކަމަށާއި، އެކަމުގެ ސަބަބުން އިންޑިއާގެ އިސްތިއުގުލާލަށް އުނިކަމެއް އަންނާނެތޯ ވިދާޅުވެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ސުވާލު އުފައްދަވައިފިއެވެ.
އިދިކޮޅު ޕީޕީއެމް ޕީއެންސީން "އިންޑިއާ އައުޓް"ގެ ނަމުގައި ކުރިއަށްގެންދާ ކެމްޕޭން ހިންގަމުން އަންނައިރު، އެ ކެމްޕޭނަށް ރައްދު ދިނުމުގެ ގޮތުން ސަލީމް ކުރެއްވި ޓްވީޓްގައި ވަނީ އިންޑިޔާގައި ގަވައިދާ އެއްގޮތައް ދިވެހި ކިތަންމެ ސިފައިންނެއް މިވަގުތުވެސް އެބަތިބި ކަމަށާއި، އެކަމުން އިންޑިޔާގެ އިސްތިގްލާލަށް އެއްވެސް އުނިކަމެއް އަންނާނެތޯ ސުވާލު އުފައްދަވާފައެވެ.
އަދި އަސްކަރީ ގުޅުމުގެ ތެރެއިން އެއް ގައުމެއްގެ ސިފައިން އަނެއް ގައުމެއްގައި ތިބުމަކީ މިޒަމާނުގަައި އާންމު ކަމެއް ނޫންތޯ ސަލީމް ސުވާލު އުފައްދަވާފައިވެއެވެ.
އިންޑިޔާގައި ގަވައިދާ އެއްގޮތައް ދިވެހި ކިތަންމެ ސިފައިންނެއް މިވަގުތުވެސް އެބަތިބި އެކަމުން އިންޑިޔާގެ އިސްތިގްލާލަށް އެއްވެސް އުނިކަމެއް އަންނާނެބާ؟ އަސްކަރީ ގުޅުމުގެ ތެރެއިން އެއް ގައުމެއްގެ ސިފައިން އަނެއް ގައުމެއްގައި ތިބުން އެއީ މިޒަމާނުގަައި އާންމު ކަމެއް ނޫންބާ؟
— Ahmed Saleem (@SalleHoarafushi) December 18, 2021
ކުރީގެ ރައިސް އަބްދުﷲ ޔާމީން މިނިވަންވެވަޑައިގެންނެވި ފަހުން "އިންޑިއާ އައުޓް" ކެމްޕޭން އިތުރަށް ބާރަށް ކުރިއަށްގެންދާއިރު، މިފަހުން އެމަނިކުފާނު ވަނީ "އިންޑިއާ އައުޓް" ޖައްސަވާފައިވާ ޓީޝާޓެއް ތުރުކުރައްވައިގެންވެސް އެ ކެމްޕޭންގައި ބައިވެރިވެވަޑައިގެންފައެވެ. އަދި ވެރިކަން ކުރައްވާފައިވާ ބޭފުޅަކު އެގޮތަށް އަމަލުކުރެއްވުމުގެ ސަބަބުން އެކި ފަރާތްތަކުގެ ފާޑުކިޔުން އެމަނިކުފާނަށް ވަނީ އަމާޒުވެފައެވެ.