Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އިންޑިއާ ސިފައިން ބާލަން ހުރަސްއަޅާ މީހުން ވާނީ ފެއިލް: އުމަރު

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު، ފޮޓޯ: ރާއްޖެއެމްވީ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ހުރަސްއަޅާ މީހުން ވާނީ ފެއިލް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވީ ރާއްޖެގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އިދިކޮޅުން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ޤައުމީ ކެމްޕޭނެއް ނޫންކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އުމަރު ވިދާޅުވީ ރާއްޖޭން އިންޑިޔާ ސިފައިން ބާލާނެ ކަމަށާއި އެކަމަށް ހުރަސް އަޅާ އެންމެން ފެއިލްވާނެ ކަމަށެވެ. އަދި ދިވެހިން ތިބީ އަޅުވެތިކަމާ ދެކޮޅަށް ކަމަށްވެސް އުމަރު ވިދާޅުވި އެވެ.

އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ ބޭރުގެ އެއްވެސް އަސްކަރިއްޔާއެއް ރާއްޖޭގައި ތިބުމަށް އެމްއެންޕީން ނޭދޭނެ ކަމަށާއި، އެހެންނަމަވެސް "އިންޑިއާ އައުޓް" ކެމްޕޭނަކީ އެހެން ބޭނުމަކު ހިންގަމުން އަންނަ ކަމެއްކަމަށެވެ.

"މިއީ ވަކި ބޭފުޅަކު އެ ބޭފުޅަކު އެ ބޭފުޅެއްގެ ސަރުކާރުގަ ހިނގާފަ ހުރި އެކި ކަންކަން ފޮރުވައި މަތިއަޅަން ހިންގާ ކެމްޕޭނެއް." ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ "އިންޑިއާ އައުޓް" ކެމްޕޭނަކީ ޤައުމީ ކެމްޕޭނެއް ނޫންކަމަށާއި، އަދި އެއީ ގައުމީ ކެމްޕޭނެއްގެ ގޮތުގައި އެމްއެންޕީން ގަބޫލުވެސް ނުކުރާނެ ކަމަށެވެ.

އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން ހަރަކާތެއް ފަށާފައިވާއިރު، އިދިކޮޅުން ވަނީ އިންޑިއާގެ އަސްކަރީ ފަރާތްތަކާއި ވަސީލަތްތައް ދިވެހި ބިމުން ބޭލުމަށް އިންޑިއާ ސަރުކާރަށް ގޮވާލާ ޕެޓިޝަނެއް ވެސް ތައްޔާރުކުރަން ފަށާފައެވެ.