Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

އެއްމެދު އިމާރާތުގެ ބިލު ތަސްދީގުކޮށްފި

ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެއްމެދު އިމާރާތުގެ ބިލު މިއަދު ތަސްދީގުކޮށްފިއެވެ.

މި ބިލަކީ ރާއްޖޭގައި ބިނާކުރާ އިމާރާތްތައް އެއްމެދު އިމާރާތްތަކެއްގެ ގޮތުގައި ރަޖިސްޓަރީކުރުމާއި، އެއްމެދު އިމާރާތްތަކުގައި ހިމެނޭ ޔުނިޓުތައް ގަނެވިއްކުމާއި މިލްކުކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އެއްމެދު އިމާރާތްތައް ބެލެހެއްޓުމާއި ބޭނުންކުރުމުގެ އުސޫލުތައް ބަޔާންކުރުމުގެ ބިލެކެވެ.

މި ބިލުގެ މަޤްސަދުތަކުގެ ތެރޭގައި، ރާއްޖޭގައި ބިނާކުރާ އިމާރާތްތައް، އެއްމެދު އިމާރާތްތަކެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި އެއްމެދު އިމާރާތެއްގައި ހިމެނޭ ޔުނިޓުތައް، ވަކިވަކި ފަރުދުންނަށް ނުވަތަ ވަކި ފަރާތްތަކަށް މިލްކުކުރެވޭނެ ގޮތް މަގުފަހިކޮށްދީ، އެ ޔުނިޓުތައް މިލްކުވާނެ ގޮތްތައް ކަނޑައެޅުމާއި، އެއްމެދު އިމާރާތުގެ ބައިތަކުގައި ދިރިއުޅެ، އެ ތަންތަން ގަނެވިއްކައި، ކުއްޔަށްދީ، އަދި އެނޫންވެސް މުއާމަލާތްތައް ކުރެވޭނެ ގޮތް މަގުފަހިކޮށްދިނުން ހިމެނެއެވެ.

އަދި އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީކުރާ އިމާރާތުގެ ބިމާއި އާންމު ސަރަހައްދުތައް ބަލަހައްޓައި ބޭނުންކުރާނެ އުސޫލުތައް ކަނޑައެޅުމާއި، ބިމާއި އިމާރާތުގައި ހިމެނޭ ވަކިވަކި ޔުނިޓުތައް މިލްކުކުރާ ފަރާތްތަކަށް ލިބިދޭ ހައްޤުތަކާއި، އެފަރާތްތަކުގެ ޒިންމާތައް ކަނޑައެޅުން މި ބިލުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގައި ރިއަލްއެސްޓޭޓް ވިޔަފާރިތައް ފުޅާކުރުމުގެ ފުރުސަތު ޑިވެލޮޕަރުންނަށް ހޯދައިދިނުމާއި، ހަރުދަނާ އުސޫލުތަކާއި ހަމަތަކެއްގެމަތިން އެއްމެދު އިމާރާތްތަކާގުޅޭ މުއާމަލާތްތައްކޮށް، އެއްމެދު އިމާރާތްތައް ހިންގައި ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުން ވެސް މި ބިލުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މިގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ، ތަސްދީގުކުރާތާ 3 މަސް ފަހުންނެވެ.