ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގި ކަމުގެ ދައުވާ އުފުލާފައިވާ ގދ. ގައްދޫ ކައުންސިލް ރައީސް މުހައްމަދު އަހުމަދުގެ މައްޗަށް އުފުލާފައިވާ އިތުރު ދައުވާއެއް ސާބިތު ނުވެގެން، ބަންދުން ސަލާމަތްވެއްޖެއެވެ.
މުހައްމަދު އަހުމަދުގެ މައްޗަށް ސާބިތު ނުވީ ކުޑަކުއްޖަކަށް އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ފޮނުވުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތު ނުވުމުން މުހައްމަދު އަހުމަދު މިވަގުތު ހުރީ މިނިވަންވެފައެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 2 މައްސަލައެއްގައި ދައުވާ ލިބޭ މުހައްމަދު އަހުމަދުގެ މައްޗަށް ތުހުމަތު ކުރެވެނީ 2015 ވަނަ އަހަރު އޭނާ ކައުންސިލު ރައީސްކަމުގައި ހުންނެވި އިރު ކުޑަކުއްޖަކާއެކު ޖިންްސީ އަމަލެއް ހިންގުމުގެ ދައުވާ އެވެ. މިދައުވާގެ މައްސަލަ އަދިވެސް އޮތީ ގައްދޫ މެޖިސްޓްރޭޓު ކޯޓުގައެވެ.
މުހައްމަދު އަހުމަދު ގައްދޫ ކައުންސިލުގެ ރައީސް ކަމަށް އިންތިހާބުވީ ޕީޕީއެމްގެ ޓިކެޓުގައެވެ. އޭނާ ގައްދޫ ކައުންސިލް ރައީސްގެ މަގާމަށް އިންތިހާބު ވެފައިވަނީ އެ މައްސަލައިގައި ބަންދުގައި އޮށްވައެވެ. އޭނާއަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބުނީ އޭނާގެ މައްސަލަތަކުގައި ހުކުމެއް ކޮށްފައި ނެތުމުންނެވެ.