މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބެލުމުގެ ދަށުގައި އޮންނަ މާލޭގެ ޓީޖެޓީ ސަރަހައްދު، މާލެ ސިޓީ ކައުންސިލާ ހަވާލު ނުކުރުމުން އެ މައްސަލައިގައި ކޯޓަށް ދާނެ ކަމަށް މާލެސިޓީ ޑެޕިއުޓީ މޭޔަރު މުހައްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ނަރީޝް މިފަދައިން ވިދާޅުވެފައިވަނީ މިއަދު މާލެސިޓީ ކައުންސިލުން ޓީޖެޓީއާ ހަވާލުވުމަށްގޮސް، އެމްޕީއެލް އިން ސިޓީ ކައުންސިލާ އެތަން ހަވާޅު ނުކުރުމުން، މީޑިއާއާ ވާހަކަ ދައްކަވަމުންނެވެ.
ސިޓީ ކައުންސިލުން ޓީޖެޓީއާ ހަވާލުވުމަށް ގޮސްފައިވަނީ އެތަން ހަވާލު ކުރުމަށް އެމްޕީއެލަށް ދިން 90 ދުވަހުގެ ނޯޓިސް ހަމަވުމުންވެސް ތަން ހަވާލު ކޮށްފައިނުވާތީއެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނަރީޝް ވިދާޅުވީ، ޓީޖެޓީ އަދި ނޯތު ހާބަރަކީ މާލޭ ރައްޔިތުންގެ ދެ ބިމަށް ވީއިރު، މާލޭގެ ރައްޔިތުންނަށް އެންމެ ލޯ ލާރިއެއްވެސް ނުލިބޭ ގޮތަށް ކުންފުންޏަކުން ހިންގާ ހިންގުމަކީ ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ.
އަދި މި މައްސަލަ އަންނަ ހަފްތާގައި ކޯޓަށް ހުށަހެޅުމަށްވެސް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.
ޓީޖެޓީ އެންމެ ފުރަތަމަ އޮތީ މާލެސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައެވެ. އެހެންނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އަދި މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ޓީޖެޓީ ސިޓީ ކައުންސިލްގެ އަތުން ނެގުމަށްފަހު އެމްޕީއެލްގެ ދަށަށް ބަދަލުކުރިއެވެ.