Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އުމަރު ޒާހިރަކީ ގައުމީ ލެޖެންޑެއް: މައުމޫން

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވައިފައިވާ ޢުމަރު ޒާހިރަކީ ގައުމީ ލެޖެންޑެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޢުމަރު ޒާހިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 85 އަހަރެވެ.

އުމަރު އަވަހާރަވުމާ ގުޅިގެން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނު އަވަހާރަވުމަކީ ގައުމަށް ލިބިގެންދިޔަ ފޫނުބެއްދޭނެ ވަރުގެ ގެއްލުމެއް ކަމަށާއި އުމަރަކީ ހަގީގީ ގައުމީ ލެޖެންޑެއް ކަމަށެވެ. އަދި ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ އުމަރު ފާއިތުވި 50 އަހަރުތެރޭ ކުރެއްވި ގައުމީ ހިދުމަތް މައުމޫން ފާހަގަކުރެއްވި އެވެ.

ޢުމަރު ޒާހިރު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ޤައުމީދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ވަނީ ނިންމަވާފަ އެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރަކީ، ދައުލަތަށް 49 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އެމަނިކުފާނަކީ ވަރަށް އިޚްލާޞްތެރި ޚިދުމަތްތެރިއެކެވެ.

ޢުމަރު ޒާހިރަކީ، ދައުލަތުގެ ތަފާތު އެތައް ދާއިރާއެއްގައި ޚިދުމަތް ކުރެއްވި ހީވާގި ބޭފުޅެކެވެ. އެގޮތުން، ފުރުއްވި އިސްމަގާމުތަކުގެ ތެރޭގައި، ވަޒީރުލްއަޢުޡަމް އޮފީހުގެ ޚާއްޞަ ވަކީލު ކަމާއި، މަޖީދިއްޔާ ސްކޫލްގެ ނާޒިރުގެ އެހީތެރިޔާގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޚާއްޞަ ވަކީލު ކަމުގެ މަގާމާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނައިބު ކަމުގެ މަގާމާއި، މާލޭ މުނިސިޕަލްޓީގެ ރައީސްކަން ހިމެނެއެވެ.

ޢުމަރު ޒާހިރަކީ، މިނިސްޓަރ އޮފް ހޯމްއެފެއާޒް އެންޑް ސޯޝަލް ސަރވިސަސް ކަމުގެ މަގާމާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒް އެންޑް ސްޕޯޓްސް ކަމުގެ މަގާމާއި، އަދި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. ޢުމަރު ޒާހިރު ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރުކަންވެސް ކުރައްވާފައެވެ.

މީގެއިތުރުން، ސަރުކާރުން މާލޭގައި ކުރެއްވި ގިނަ ޢިމާރާތްތައް ކުރެއްވުމުގައި، އިސް މޭސްތިރިއެއްގެ ގޮތުން، ޢުމަރު ޒާހިރު ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކޮށްލެވެ އެވެ. ޢުމަރު ޒާހިރު، އެންމެފަހުން އަދާކުރެއްވީ، ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ކަމުގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ މިނިސްޓަރު ކަމުގެ މަގާމެވެ.